ދިވެހިރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ އެ ގައުމަށް ފޮނުވާލުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ވެވޭ “ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުން” އެކުލަވައިލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާކަން ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
ބަންގްލަދޭޝް ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން އެކުލަވައިލާ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުން ތަންފީޒުވާން ފެށުމުން، ރާއްޖޭގައި ހުކުމް ކުރެވިފައިވާ ބަންގްލަދޭޝްގެ ކުށްވެރިންނަށް އެމީހުންގެ ހުކުމުގެ ބާކީ އޮތް ބައި އަމިއްލަ ގައުމުގައި ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިހާރު ކުރިއަށްދަނީ މިކަމާ ގުޅޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތަކެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވަނީ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައި، އެ ތަނުގައި ބަންދުކޮށްފައި ތިބި އެ ގައުމުގެ 44 ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 34 މީހަކާއި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 10 މީހެކެވެ.
ހައިކޮމިޝަނަރުގެ ވަފުދުން ވަނީ ކޮންމެ ކުށްވެރިއަކާ ވަކިވަކިން ބައްދަލުކޮށް، އެމީހުންގެ އާންމު ހާލަތާއި، ސިއްހީ ފަރުވާ އަދި ކާބޯތަކެތީގެ އިންތިޒާމުތައް ހުރި ގޮތް ވަރަށް ގާތުން ބައްލަވާފައެވެ. މި ޒިޔާރަތަށްފަހު، ހައިކޮމިޝަނަރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ކުށްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވިދާޅުވީ، “ބޭރު ގައުމުތަކުގައި ދިރިއުޅޭ ކޮންމެ ބަންގްލަދޭޝް ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ރައްކާތެރިކުރުމަކީ އެ ގައުމުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެއް” ކަމަށެވެ. އެހެންކަމުން، ޖަލުގައި ތިބި މީހުންނަށް ގާނޫނީ ގޮތުން ލިބެންޖެހޭ ހިދުމަތްތައް އަވަސްކޮށްދިނުމަށް އެމަނިކުފާނު ވަނީ ދިވެހި ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ.
ބަންގްލަދޭޝް ހައިކޮމިޝަނުން މި މައުލޫމާތުތައް އާންމުކޮށްފައިވީ ނަމަވެސް، މި އެއްބަސްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

