އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިން އިން ކުރިއަށް ގެންދިޔަ “އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް” ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ. މިއީ ފުލުހުންގެ މުއައްސަސާތަކުގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމުގެ މަގުސަދުގައި ހިންގި ހާއްސަ ތަމްރީނު ޕްރޮގްރާމެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ ޖުމުލަ 19 ހަފުތާގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދިޔަ ތަމްރީނެކެވެ. މި ޕްރޮގްރާމްގެ އެންމެ ފަހު މޮޑިއުލް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 29 އިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އޮފިސަރުންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަތީ ފަންތީގެ ހިންގުމުގެ މަގާމުތަކަށް ބޭނުންވާނެ އިލްމާއި ހުނަރު އަދި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި އަހަރުގެ ބުރުގައި ދުނިޔޭގެ އެކި ގައުމުތަކުން ޖުމުލަ 62 އޮފިސަރުން ބައިވެރިވެ ދަސްވެނިވެފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން މުއައްސަސާގެ ހިންގުމުގެ ނިޒާމުތައް މުރާޖާކުރުމާއި، ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމުގެ އިތުރުން، ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. އަދި މިފަދަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް އުނގަންނައިދީފައިވެއެވެ.

