ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ އެ ޤައުމުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައިއުމުރުފުޅުން 74 އަހަރުގައި ޝައިޚް ޙަމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ަތއުޒިޔާ އަރިސްކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ޝައިޚް ޙަމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އެމަނިކުފާނަކީ ޤަޠަރުގެ ކުރިއެރުމަށާއި، އެ ޤައުމު މިއަދު ދެކެމުންދާ އާދަޔާޚިލާފު ތަރައްޤީއަށް ދުރުވިސްނޭ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި، ގާބިލު ލީޑަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ޤަޠަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، އެ ޤައުމުގެ ޝާހީ ޢާއިލާއަށާއި، ސަރުކާރުގެ އިތުރުން ޤަޠަރުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވައި ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރްޙޫމް ޝައިޚް ޙަމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާކުރެއްވިއެވެ.
ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ ޤަޠަރުގެ އަމީރުކަން ކުރެއްވީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށެވެ. 18 އަހަރުގެ ދިގު ޒަޢާމަތަކަށްފަހު އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވީ، ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމްއާ ވެރިކަން ޙަވާލުކުރެއްވުމަށްފަހުގައެވެ.
ޝައިޚް ޙަމަދުގެ ވެރިކަމުގައި ޤަޠަރު ވަނީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.

