މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާއްސަ އޮފީހެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އުފެއްދެވި މި އިދާރާ ހިންގަމުންދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ ދަށުންނެވެ.
މި އޮފީހަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޒުކުރުމަށް އުފެއްދެވި ތަނެކެވެ. މި އޮފީހުގެ މަސައްކަތްތަކަށް ލަފާދިނުމަށްޓަކައި ވަކި ގަވަނިން ބޯޑެއް އޮންނާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ބޭނުންވާ ޒަމާނީ ހައްލުތައް ހޯދުމާއި، ޕާކުކުރެވޭނެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް އިސްވެ ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަކީވެސް މި އޮފީހުގެ މުހިންމު އަމާޒެކެވެ.
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުއްވިއިރު، އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މިދިޔަ އަހަރު އާއްމުކުރި ދިރާސާ ރިޕޯޓުން މާލޭގެ ތޮއްޖެހުމުގެ ހާލަތު އޮތް ނުރައްކާތެރި މިންވަރު ހާމަވެއެވެ. މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ ދިރާސާގައިވާ ގޮތުން މާލެ ސަރަހައްދުގައި 119,472 ވެހިކަލް ބޭނުންކުރަމުންދެއެވެ.
އެ ދިރާސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގައި ދުއްވާ އުޅަނދުފަހަރުގެ 93 އިންސައްތައަކީ ސައިކަލެވެ. އެއީ ގާތްގަނޑަކަށް 103,300 ސައިކަލެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓްރެފިކް ތޮއްޖެހުމާއި ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 132,230 ޕާކިން ސްލޮޓު ހަރުދަނާ ގޮތެއްގައި މެނޭޖްކުރަން ޖެހެއެވެ.

