ގއ.ދާންދޫގެ ތަރައްޤީއަށް ރޭވިފައިވާ ގިނަ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވުނު މިމަޝްވަރާ ބައްދަލުވުމުގައި ދާންދޫ ކައުންސިލް މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ދާންދޫގައި ގެދޮރު ޢިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަމަށާއި، މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ ޢިމާރާތް ހުރުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޤާއިމުކޮށްފައިވާ އައިސްޕްލާންޓްގެ ޚިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީ ދިމާވާ ދަތިތަކުގެ އިތުރުން ރަށުގައި އަލަށް ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ބޭނުންވާ ކަމަށް ދެންނެވުނެވެ.
މީގެއިތުރުން ދާންދޫ ސްކޫލްގެ ޖާގައިގެ ދަތިކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ދާންދޫގައި އޭލެވެލް ކިޔަވައިދޭން ފަށާފައިވާ ކަމަށާއި ސްކޫލްގެ ޖާގަ އިތުރުކުރަން ބޭނުންވާކަމަށް ހުށަހެޅުނެވެ.
ދާންދޫއަށް ބޭންކިންގ ޚިދުމަތް ބޭނުންވާކަމަށާއި، ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލުންވަނީ ރައީސަށް ދަންނަވާފައެވެ. އަދި ދާންދޫގެ ސިއްޚީ ދާއިރާ އިތުރަށް ތަރައްޤީކުރަން ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
މިސަރުކާރުން ދާންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތައް ކޮށްފައިވާކަން ފާހަގަކޮށް ދާންދޫ ކައުންސިލުން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރުވެސް އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ދާންދޫ ކައުންސިލުން މަޝްވަރާ ކުރެވުނު ކަންތައްތައް އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

