ފުރަތަމަ ހަ މަސް ދުވަހު ފަތުރުވެރިކަމަށް 600އަށްވުރެ ގިނަ އެނދު އިތުރުވެފައިވާ ކަމަށް ދައްކައިފިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 600 އަށްވުރެ ގިނަ އެނދު އިތުރުވެ، ޖުމްލަ އެނދުގެ އަދަދު 68,000 އަށްވުރެ މައްޗަށް އަރާފައިވެއެވެ.
މިއާއެކު، މިއަހަރުގެ މިހާތަނަަށް ފަތުރުވެރިންނަށް ޚިދުމަތް ދޭން ނެރެފައިވާ އެނދުގެ އަދަދު މިވަނީ 68،000 އަށް އަރާފައެެވެ.
ފަތުުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް މުޅި ޖުމްލަ 68,142 އެނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަަމަށް ނެރެފައިވަނީ ޖުމްލަ 67,475 އެނދެވެ. އެހެންކަމުން މިއީ 667 އެނދުގެ އިތުރުވުމެކެވެ.
މިހާރު ހިދުމަތް ދެމުންދާ ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަނުގެ ތަފްސީލަށް ބަލާއިރު، ރާއްޖޭގައި ޖުމްލަ 1,302 ފެސިލިޓީއަކުން ދަނީ ފަތުރުވެރިންނަށް ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި ހިމެނެނީ މިހާރު ހިދުމަތްދޭ 179 ރިސޯޓުގެ 45,115 އެނދާއި، 934 ގެސްޓުހައުސްގެ 16,858 އެނދެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 179 ރިސޯޓު، 934 ގެސްޓުހައުސް، 173 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,302 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ ފުޅާވަމުންދާއިރު، ބަޒާރުގެ ޑިމާންޑް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,114,751 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

