މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ.
މަސައްކަތުގެ ތަފްސީލް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ކީވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަގުގެ ބިންގަނޑު ވަރުގަދަކުރުމަށް އަޅާ ސަބް-ބޭސް އާއި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި ދެވަނަ އަދި ތިންވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ޕާކިންގ ޒޯންތައް ތަރައްޤީކުރުމުގެ އިތުރުން ޕޭވްމަންޓްގެ ބާކީ ހުރި މަސައްކަތްތައް ހިމެނެއެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، އަމާޒަކީ ކުރިއަށް އޮތް ޖުލައި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލުން ކަމަށް އެމްޓީސީސީން ބުނެއެވެ.
މަގު ފުޅާވެ، ޕާކިންގްގެ ދަތިކަމަށް ހައްލެއް
މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ އިތުރަށް ތަނަވަސްވާނެ ގޮތަށެވެ. މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދު ނިމުމުން، އެ ސަރަހައްދުގައި ހުރި އޮފީސްތަކާއި ބޭންކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕާކުކުރެވޭނެ ފަހި އިންތިޒާމުތަކެއް ހަމަޖެހިގެންދާނެއެވެ. މިއީ މީގެ ކުރިން ނިންމާލި އެމްއެމްއޭ ސަރަހައްދާއި މާރުކޭޓު ސަރަހައްދުގެ ފަރުމާއާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 22 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީކުރެއެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިހާތަނަށް ނިންމާލި ދެ ސެގްމަންޓުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ވަނީ ލިބިފައެވެ.

