އުސްފަސްގަނޑު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވީ ލޮރީގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވީ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެން ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ހުޅުމާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ އިބްރާހީމް ނާސިހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާތަނަށް ބެލިބެލުމުން ނާސިހު މަރުވީ ލޮރީގެ ދަށުވެގެންކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، އޭނާ ދުއްވަން އިން ސައިކަލު އެއްވެސް އުޅަނދެއްގައި ޖެހި އެކްސިޑެންޓުވި ކަމުގެ ނިޝާނެއް މިހާތަނަށް ފެންނަން ނެތް ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި، އެކްސިޑެންޓުވުމާއެކު އެމީހާ ވަނީ މަރުވެފައެވެ. އޭނާ ބުނި ގޮތުގައި މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބޮލާއި މޫނު އޮތީ ވަރަށް ބޮޑަށް ޗިސްވެފައެވެ. “މަރުވި މީހާއަށް ވަރަށް ބޮޑުވަރުވެފައި އޮތީ. ބޯ ފަޅައިގެން ގޮސް ސިކުނޑީގެ ބައިތައް ވެސް މަގުމައްޗަށް ބުރައިގެން ގޮސްފައި ހުރި،” މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

