ސަރުކާރުން ތައުލީމީ ދާއިރާއަށް ގެނައި މުހިންމު ބަދަލުތަކާއެކު، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ތައުލީމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގެ ހަތަރުވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއަށް ކިޔަވަން ދަނީ އެންމެ 34 އިންސައްތަ ކުދިންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލާއެކު މިހާރު އެ އަދަދު 48 އިންސައްތައަށް އުފުލިފައިވާ ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް ދާއިރު މަތީ ސާނަވީގައި ކިޔަވާ ކުދިންގެ ނިސްބަތް 65 އިންސައްތައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި 28،000 އެއްހާ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުންދާއިރު، ސައިންސާއި ޓެކްނޮލޮޖީ ދާއިރާއިން ކިޔަވަނީ އެންމެ 11 އިންސައްތަ ކުދިންނެވެ. މީގެ ކުރިން އޯލެވެލްގައި ހިސާބު މާއްދާ ދޫކޮށްލުމުގެ ފުރުސަތު އޮތުމަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް އެޅުނު ހުރަހެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ. އެހެންނަމަވެސް، މިހާރު ހިސާބު މާއްދާ މަޖުބޫރުކޮށްފައިވާތީ، އޭގެ ހެޔޮ ބަދަލު ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނެ ކަމަށް ވިދާޅުވިއެވެ.
“އެންމެ ފުރަތަމަ އަޅުގަނޑުމެން އިސްލާހު ކުރީ އެކަން. ތިން ހަތަރު އަހަރެއް ނަގާނެ އޭގެ އަސްލު އިމްޕެކްޓް އަސްލު ދެނެގަންނަން. އޭގެ ސަބަބުން އަޅުގަނޑު ހިތުން ކުރިއަށް މިއޮތް ދެތިން އަހަރު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަންދާ ދަރިވަރުންގެ އަދަދު ގިނަވެގެންދާނެ،” ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އަޚްލާގު ރަނގަޅު، ހުނަރުވެރި އަދި ޢިލްމީ ދަރިވަރަކަށް ހެދުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކުދިންގެ ތައުލީމީ ބިންގާ އެޅުމަށް ފަށާފައިވާ “ބިންގާ” ޕްރޮގްރާމުގެ ދަށުން މިއަހަރުގެ މިހާތަނަށް 39،400 އަށްވުރެ ގިނަ ހަރަކާތް ހިންގާފައިވާ ކަމަށެވެ. މީގެ އިތުރުން، ކިޔަވާ ކުދިންނަށް ގޭތެރެއިން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވަނީ ކިޔަވާނެ ދާއިރާއެއް އިޚްތިޔާރު ކުރުމުގެ ކުރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކަށް ބެލުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ދައުލަތުގެ ޚަރަދުގައި ތައުލީމު ހާސިލްކުރުމަށްފަހު، ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ރޫހު އަށަގަންނުވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

