ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ޕެރޯލްގެ ދަށުން މުޖުތަމައުއަށް ދޫކޮށްލުމަށް ޝަރުތުހަމަވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން އަވަސްކުރުމުގެ ގޮތުން، ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނި ގޮތުގައި މި އިންޓަވިއުތައް ކުރިއަށްގެންގޮސްފައިވަނީ މާފުށި ޖަލުގައި ބޭއްވި ޕެރޯލް ބޯޑުގެ ހާއްސަ ބައްދަލުވުންތަކެއްގެ ތެރެއިންނެވެ.
މި ދަތުރުގައި ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ވޮކޭޝަނަލް ކޯސްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ. މިއީ ގައިދީން އަނބުރާ މުޖުތަމައުއަށް ނުކުންނައިރު ބޭނުންތެރި މަސައްކަތްތަކެއް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
ޕެރޯލްއަކީ ހުކުމުގެ ވަކި މިންވަރެއް ފުރިހަމަކޮށްފައިވާ ގައިދީން، މުޖުތަމައުގެ ރައްކާތެރިކަމަށް ބަލައި، ވަކި ޝަރުތުތަކެއްގެ ދަށުން އަލުން މުޖުތަމައުއަށް ނެރުމަށް ދެވޭ ފުރުސަތެކެވެ. ކަރެކްޝަންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލްއަށް އެދި 241 ހުށަހެޅުމެއް ލިބިފައިވެއެވެ. މީގެ ތެރެއިން 189 ފަރާތެއްގެ ޝަރުތު ހަމަވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕެރޯލް ބޯޑަށް 86 ފޯމެއް ހުށަހެޅުނުއިރު، އޭގެ ތެރެއިން 42 މީހަކަށް ޕެރޯލް ދިނުމަށް ހުއްދަ ދީފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް ފަރާތްތަކުގެ ޕެރޯލް ކެންސަލްވެފައިވާއިރު، އޭގެ ތެރޭގައި ހަވާލުވާނެ ބަޔަކު ނުވުމުގެ ސަބަބުން ކެންސަލްވި ދެ މީހަކުވެސް ހިމެނެއެވެ. ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު ވަނީ މުޖުތަމައުއަށް ދޫކޮށްލާފައެވެ.

