ކުޅުދުއްފުށި ސިޓީގެ އޮޑިހަރުގެއަކާއި ގުދަނަކުން ގިނަ އަދަދެއްގެ ކަރަންޓު ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހާދިސާގައި ގެއްލުނު ތަކެތީގެ އަގު 80،000 ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ފުލުހުން ލަފާކުރެއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ 27 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ހިންގި ވައްކަމުގެ ރިޕޯޓާ ގުޅިގެން، މި މަހުގެ ނުވަވަނަ ދުވަހުއެވެ.
މި މީހުން ވަގަށް ނެގި ތަކެތީގެ ތެރޭގައި މަސައްކަތްތެރިކަމަށް ބޭނުންކުރާ މުހިންމު އާލާތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކަރަންޓު ބުރުމާ، ކަރަންޓު ކީސް، ކަޓްއޮފް، ޓޫލް ބޮކްސްތަކުގެ އިތުރުން ގިނަ އަދަދެއްގެ ކަރަންޓު ނަރާއި އެހެނިހެން ސާމާނު ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެކަކު 5 ދުވަހަށް އަދި އަނެކަކު 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ވަގަށް ނެގި ހުރިހާ ތަކެތި މިހާރު ހޯދާފައިވާ ކަމަށާއި، އެ ތަކެތި އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

