ލ. ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގުގެ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ މެދާ ހިސާބަށް އާންމުންނަށް ބޭނުންކުރެވޭވަރު ވާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލ. މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚާއި ނިމޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ޖެނުއަރީ 2023 ގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އަމަލީ ގޮތުން މަސައްކަތްތައް ހަލުވިކަމާއެކު ފެށިފައިވަނީ މި ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު ސާވޭ އާއި ބޯހޯލްގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ވަނީ ނިންމާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، 20 އޮކްޓޯބަރ 2025 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކުރެވިފައިވާ މަސައްކަތެކެވެ. ނަމަވެސް، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، “ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ކުރީ ސަރުކާރުން ސޮއިކޮށްފަ ހުރި 40 ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫއު ހުރި. ދައުލަތުގައި ހުރި ފައިސާއިން ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫއުތަކާއި، މި ވެރިކަމުގައި ފަށައި އައު މަޝްރޫއުތަކާއި އެކުގައި ކުރިއަށް ގެންދަން ރަނގަޅަށް ޝެޑިއުލް ހަދައިގެން މި މަސައްކަތް ކުރަނީ،” ކަމަށެވެ.
ޖުމްލަ 81 މިލިއަން ރުފިޔާ ހަރަދުވާ މި ބޮޑު މަޝްރޫއުގައި ހިމެނެނީ 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދެ ބްރިޖުގެ އިތުރުން 714 މީޓަރުގެ ދިގު މަގެކެވެ. މިހާރު ކުރިއަށްދަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލް-ބްލޮކްތައް ކާސްޓްކުރުމުގެ މަސައްކަތް ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ދައުރުގެ ފަހުކޮޅު ގިނަ އަދަދެއްގެ މަޝްރޫއުތަކުގައި ސޮއިކޮށްފައި އޮތުމުން މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ހުރި ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ބަޖެޓަށް ނުކަތާވަރު ނުވާނެހެން، ހުރިހާ މަޝްރޫއެއްވެސް ނިންމާލެވޭނެ ފަދަ ތަރުތީބަކުން ކަމަށެވެ.

