ހއ. ހޯރަފުށީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޔޫޕީވީސީ ހޮޅި ވަޅުލުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މީގެ އިތުރުން، މަގުގެ އަރިމަތީގައި ޖަހާ ކާބްސްޓޯން އެތުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ޖުމްލަ 30.46 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ މަގުތަކުގެ ސަބްބޭސް ތައްޔާރު ކުރުމާއި، އޭބީސީ ފަށަލަ އެޅުމުގެ އިތުރުން ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މަގުތަކުގެ ފެހިކަން ދެމެހެއްޓުމަށް ގްރީން އޭރިއާ ގާއިމުކުރުމާއި، ކޭބަލް ޖަންކްޝަންތަކާއި ސަރވިސް ލައިންތައް ވަޅުލުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ހޯރަފުށީގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހި ވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ އެމްޓީސީސީންނެވެ. އެ ފިޔަވަހީގައި 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ރަށުގެ 11 މަގެއްގައި 5.3 ކިލޯމީޓަރުގެ ތާރު އަޅާފައިވެއެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތާއެކު މަގުތައް ފެންބޮޑުވުމާއި ހިރަފުހުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ހޯރަފުއްޓަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ، އަދި ގިނަ އަދަދެއްގެ ބަރު އުޅަނދުތައް ހަރަކާތްތެރިވާ ރަށަކަށްވާތީ، ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައި ހުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ. މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހި ނިމުމާއެކު ރަށުގެ މަގުތަކުގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މަގުހެދުމުގެ މަޝްރޫޢުގެ އިތުރުން ވެސް އެމްޓީސީސީން ވަނީ ހޯރަފުށީގައި ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ހިންގި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފާހަގަ ކޮށްލެވެއެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެކެވެ.

