ރާއްޖޭގެ ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަތީބުންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ޚާއްސަ މަޝްރޫއުގެ ދަށުން، ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގެ އޮޑިޝަންތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގެ އޮޑިޝަންތައް މި މަހުގެ 12 އިން 20 އަށް ކުރިއަށްދާއިރު، އަތޮޅުތަކުގެ އޮޑިޝަންތައް ކުރިއަށްދާނީ މި މަހުގެ 15 އިން 20 އަށެވެ. މި ބުރުގައި ޖުމްލަ 80 ޒުވާނުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސަރަހައްދުން 40 ކުދިންނާއި އަތޮޅުތަކުން 40 ކުދިންނެވެ. އޮޑިޝަންތައް ފެށިގެން ކުރިއަށްދާއިރު، އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 22 ޒުވާނަކު ވަނީ އޮޑިޝަނުގައި ބައިވެރިވެފައެވެ.
މި ބުރުގެ ތަމްރީނުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ގައެވެ. މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނުތަކުގައި، އަތޮޅުތަކުން ހޮވޭ ކުދިން ބައިވެރިވާނީ އޮންލައިންކޮށެވެ. މި ޕްރޮގްރާމަކީ ސްކޫލް ނިންމާ ޒުވާނުންނާއި ގްރޭޑް 10، 11 އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، ދީނީ ކަންކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ހިންގާ މުހިންމު ހަރަކާތެކެވެ.
މި ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ރަސްމީ ސަނަދު ހާސިލުވާނީ، އިންޓަވިއުއިން ފާސްވުމާ އެކު ހުރިހާ ފިލާވަޅުތަކަކަށް ފުރިހަމައަށް ހާޒިރުވެ، ފަހު އިމްތިހާނުން ފާސްވާ ދަރިވަރުންނަށް އެކަނި ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ތެރެއިން ޖުމްލަ 1000 ޒުވާން ޚަތީބުން ތަމްރީނުކޮށް މުޖުތަމައަށް ނެރުމެވެ. މިހާތަނަށް ބޭއްވި 4 ބުރުން 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ޚަތީބުންގެ ގޮތުގައި ތަމްރީނުވެ، ސަނަދު ހާސިލްކޮށްފައެވެ.
ޒުވާން ޚަތީބުންގެ މަހާސިންތާއެއް އަންނަ ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، “މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ގަރުނަށް، ރާއްޖޭގެ އިސްލާމީ ޝިއާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަތީބުންނާއި ހާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެ” ކަމަށެވެ.
މިހާރު ރާއްޖޭގައި ޒުވާން ޚަތީބުންގެ އަދަދު 621 އަށް އަރާފައިވާއިރު، ހާފިޒުންގެ އަދަދު ވަނީ 310 އަށް އަރާފައެވެ.

