މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ބޭނުންވާ ދާއިރާއަކުން ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދޭނެއެވެ.
މިއަހަރު މި ޝަރަފުވެރި ލިސްޓުގައި އެންމެ ގިނައިން ހިމެނެނީ ސީ.އެޗް.އެސް.އީ ހުޅުމާލޭގެ ދަރިވަރުންނެވެ. އެ ސުކޫލުން ހަތަރު ދަރިވަރަކު މި ސްކޮލަރޝިޕް ހޯދާފައިވެއެވެ. އެއީ އައިޝަތު ނަބީހާ އަމީން، ލީން އަޙްމަދު ތާރިޤް، ޔަޝާ ޝާފީ ޝަފީޤް، އަދި ޢަލީ މާއިޝް މުފީދު އެވެ.
މީގެ އިތުރުން ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުން ޙުސައިން ޔަމީން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން އައިޝަތު ލީން ޢަބްދުﷲ އަދި އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ލައިލް ޙުސައިން ޙަމީދު ވަނީ މި ޝަރަފުވެރި ސްކޮލަރޝިޕް ކާމިޔާބުކޮށްފައެވެ.
މި ދަރިވަރުންނަކީ ދިވެހިބަހާއި އިސްލާމް ހިމެނޭހެން ފަސް މާއްދާއިން އެންމެ މަތީ ނަތީޖާ ހާސިލުކުރި ދަރިވަރުންނެވެ. މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ދަރިވަރަކަށް ހޯދޭނެ އެންމެ މަތީ އެއް ޝަރަފެވެ.

