އިންޑިއާއާއެކު ދިވެހިރާއްޖެއިން ކުރި މަޝްވަރާތަކަކީ، ދެ ގައުމުގެ ދޭތެރޭގައި އިޤްތީޞާދީ ގުޅުން ބަދަހިކުރަން އެޅުނު ބިންގަލެއް ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ވިއޯން ނޫސް އެޖެންސީއަށް ދެއްވި ބަސްތީގަތުމެއްގައެވެ. ވަޒީރު ސައީދު ވިދާޅުވި، އިންޑިއާގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޕިޔޫޝް ގޯޔަލްގެ ދައުވަތަށް އެމަނިކުފާނު ކުރެއްވި ދަތުރަކީ، ވަރަށް ކާމިޔާބު ދަތުރެއް ކަމާއި، މިހާރު އިންޑިއާއެކު ފެންނަ ބަދަހި ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ދަތުރުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިޔާގެ ޑިޖިޓަލް އިޤްތިޞާދުގެ ސިޔާސަތަށް މަގުފަހިކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދެވުނުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމާއި ވައިގެ މަގުން ގުޅުންތައް އިތުރަށް ވަރުގަދަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މި ދަތުރުފުޅުގެ ތެރެއިން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިންޑިއާއި ރާއްޖެއާއި ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދެޤައުމު ދެމެދުގައި ޤާއިމް ކުރުމަށް މަސައްކަތް ކުރާ ބައިލެޓްރަލް އިންވެސްޓްމެންޓް މުޢާހަދާއާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުން އަވަސް ކުރުމަށް އެންމެ ބޮޑު ބާރަކަށްވީ، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމްތައް ކަމަށެވެ. މި ފޯރަމްތަކުގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ގުޅުން ބަދަހިވެގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާކެޓުން ޚާއްސަ އިނާޔަތްތަކެއް ލިބޭނެ ކަމަށެވެ. އަދި މަހާއި މަހުގެ އުފެއްދުންތަކުން ފައިދާވެ، ކަނޑުގެ އެކި ސިނާޢަތްތަކަށާއި، ޑިޖިޓަލް ޚިދުމަތްތަކަށާއި، އުފެއްދުންތެރި ސިނާޢަތްތަކުގެ އިތުރުން އަލަށް ކުރިއަރަމުން އަންނަ ދާއިރާތަކަށް އައު ފުރުސަތުތައް ހުޅުވޭނެ ކަމަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވެ، އައު މާކެޓުތައް ފުޅާވެ، ސަރަޙައްދީ ވިޔަފާރީގެ ވިއުގައިގެ ތެރެއަށް ވަނުމަށް މަގުފަހިވާނެ ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ، މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްގެ މަރުޙަލާތައް އަވަސްވެ، ރެގިއުލޭޓަރީ އެއްބާރުލުން ވަރުގަދަވެ، ވިޔަފާރިއަށް ހުރި ހުރަސްތައް ނައްތާލެވި، ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރި ކުރުމުގެ ޚަރަދު ކުޑަވެ، ސަޕްލައި ޗެއިންގެ ހިންގުން ހަރުދަނާވެ، ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށް އޭގެ މަންފާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ދެ ޤައުމު ދެމެދު މަޝްވަރާތައް ނިންމާލާފައިވާ ބައިލެޓްރަލް އިންވެސްޓްމަންޓް މުއާހާދާއިންވެސް ރާއްޖެއަށް ފައިދާ ކުރާނެކަން ވަޒީރު ސަޢީދު ފާޙަގަކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން އިންވެސްޓްމަންޓުތަކަށް ހާމަކަން ބޮޑު، ދެނެގަންނަން ފަސޭހަ އަދި ޤަވާއިދުތަކެއްގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑެއް ލިބިގެންދާނެއެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ފަތުރުވެރިކަން، ލޮޖިސްޓިކްސް، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ އިސްކަންދޭ ދާއިރާތަކަށް އިންޑިއާގެ އިންވެސްޓްމަންޓުތައް އިތުރުވުމަށް ބާރު ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

