ކަނޑުއޮތްގިރި އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވައިފިއެވެ.
މިފްކޯއިން ކަނޑުއޮތްގިރީގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުޚާނާ ހުޅުވާފައިވަނީ، އެ ކުންފުނީގެ ސީއީއޯ މުހައްމަދު އަނަސް އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ. ކަނޑުއޮތްގިރީގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވީ، މިތަނުން ޖުމްލަކޮށް ހުރިހާ މަސްވެރިންނަށް ޚިދުމަތްދޭނެ ކަމަށެވެ.
ހަމައެހެންމެ މީގެ ކުރިން ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އައިސް ލިބުމާ ހުރި ދަތިތަކުގެ ވާހަކަ ފާހަގަކޮށްފައިވާ ކަމަށާ އެ މަސްވެރިންނަށްވެސް ކަނޑުއޮތްގިރީގެ އައިސް ޕްލާންޓުން އައިސް ދަތިކަމެއް ނެތި ލިބެމުންދާނެ ކަމަށްވެސް އަނަސް ވިދާޅުވެފައިވެއެވެ.
ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. މިއީ މިސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ޤާއިމްކުރެވުނު އައިސް ޕްލާންޓެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއެއްވެސް ވަނީ ހުޅުވާފައެވެ. މިފްކޯގެ ހިކިމަސް ކާރުޚާނާ އަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުޚާނާއެއް ކަމަށް މިފްކޯއިން ވިދާޅުވިއެވެ. މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވީ މިތަނުގެ ސަބަބުން މާލެ ސަރަހައްދުގައި ހިކިމަހުގެ އުފެއްދުންތައް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.
މިފްކޯގެ ހިކިމަސް ކާރުޚާނާއިން ރޯމަސް ގެނެސް، ކަނޑައި މަސް ކެއްކުމުގެ އިތުރުން، މަސް ދިލަ ޖައްސާ ޕެކް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
މިފްކޯއިން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ. އަދި މުސްތަޤުބަލުގައި އިތުރު ވަސީލަތްތަކާ އެކު މިހާރަށް ވުރެ ފުޅާކޮށް ކަނޑުއޮތްގިރި ހިންގާނެ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ނިންމަވާފައެވެ. އަދި މިހާރުވެސް އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގެންދަވަނީ ޤާއިމްކުރައްވަމުންނެވެ.

