ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަށްޓަވާ ޚާއްޞަ ސިލްސިލާ “ރައްޔިތުންގެ އަޑު” ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ރައީސާ ބައްދަލުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގެ ފުރަތަމަ މަރުޙަލާގައި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، ހުޅުދޫ ދާއިރާ އަދި ހޯރަފުށި ދާއިރާ އެވެ. މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންނަށް މިހާރު ވަނީ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ދޮރު ހުޅުވާލާފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިކަމަށްޓަކައި ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. ބައްދަލުވުންތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައްވެސް އެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ.
މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު އޭރު ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުންގެ ބަސް ސީދާ ގޮތެއްގައި ހޯއްދަވައި، ވަކިވަކި ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދެއްކެވުމުގެ ފުރުޞަތު ދާދި އަވަހަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
މި ބައްދަލުވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މީގެ ކުރިންވެސް ރައީސް ވަނީ ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތްކުރައްވައި ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

