މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ އާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްގެ މެދުގައެވެ.
ބީއެމްއެލްގެ މައި އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެމްޓީސީސީގެ ހިންގުމަށާއި ތަރައްގީއަށް ބޭންކުގެ ފަރާތުން ފޯރުކޮށްދެވިދާނެ މާލީ އެހީތެރިކަމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހައުސިންގ ސްކީމްތަކާއި އެކި ކަހަލަ ފައިނޭންސިންގ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި އެ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ މުވައްޒަފުންނެވެ. އެހެންކަމުން، ކުންފުންޏަށް ޚިދުމަތްކުރާ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެކި ކަހަލަ އިނާޔަތްތަކާއި ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ބައްދަލުވުމަކީ އެމްޓީސީސީގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ހިކުމަތްތެރިކަމާއެކު ކުންފުނި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ވޭތުވެދިޔަ 45 އަހަރު ދުވަހު ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި އާންމު ރައްޔިތުން އެމްޓީސީސީއަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

