ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އުފެދުނީއްސުރެ އެ ކުންފުންޏަށް ހިދުމަތް ކުރަމުން އައި މުވައްޒަފަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ވެމްކޯގައި ނުވަ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ވ. ފަޒީލާ މަންޒިލް، އަހްމަދު އަޒްހީމެވެ.
އަޒްހީމް ނިޔާވުމާ ގުޅިގެން ވެމްކޯއިން ވަނީ އެކަމުގެ ފުން ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. ވެމްކޯއިން ހާމަކުރި ގޮތުގައި އަޒްހީމަކީ އެ ކުންފުނިން ގޭބީސީތައް ރަޖިސްޓްރީ ކޮށްގެން ކުނި ނަގަން ފެށި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުންދިޔަ ނަމޫނާ މުވައްޒަފެކެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޒްހީމަކީ ކުންފުންޏަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދިން، މަސައްކަތަށް ކަމޭހިތާ އަދި އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ މުވައްޒަފެއް ކަމަށެވެ. އަދި އޭނާގެ ވަކިވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ވެމްކޯއިން ސިފަކުރެއެވެ.
އަޒްހީމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާ ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.

