ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަމީރު ތަމީމް އަށާއި ޤަޠަރުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
ދެ ބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކަފުޅުގައި، ރާއްޖެއާއި ޤަޠަރާ ދެމެދު އޮންނަ ޒަމާންވީ އުޚުއްވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި، މިހާރު އޮތް ބަދަހި ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމުގެ ޢަޒުމް ދެ ލީޑަރުންވެސް އާކުރެއްވިއެވެ.
މި ރަސްމީ ބައްދަލުކުރެއްވުމުގައި ޤަޠަރުގެ ފަރާތުން އެ ޤައުމުގެ އަމީރުގެ ނައިބު ޝައިޚް ޢަބްދުﷲ ބިން ޙަމަދު އަލް ޘާނީއާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖައްސިމް އަލް ޘާނީގެ އިތުރުން ދައުލަތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިހާރު 42 އަހަރު ވެފައިވާއިރު، ވޭތުވެދިޔަ ދިގު މުއްދަތުގައި ޤަޠަރަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއާއި، ވިޔަފާރިއާއި، އިޤްތިޞާދީ ކުރިއެރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ޤަޠަރުން ވެދީފައިވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.
ކުރީގެ އަމީރުގެ ޒަޢާމަތުގައި ރާއްޖެއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަކަން ފާހަގަކުރައްވައި، މިހާރުގެ އަމީރުގެ ދައުރުގައިވެސް އެ ގުޅުން އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުން ވަނީ ލިބިގެން ގޮސްފައެވެ.

