ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ޤަތަރަށް ވަޑައިގެންނެވީ އެ ޤައުމުގެ ކުރީގެ އަމީރު، އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ކުރިއަށްގެންދިޔަ ހިތާމަ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ކުރެއްވެވި އެ ދަތުރުފުޅުގެ ތެރެއިން ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވާ ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާއި މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާއެކު ރާއްޖެއާއި ޤަތަރާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަކުރައްވާފައިވެއެވެ.
ޤަތަރުގެ ކުރީގެ އަމީރުގެ ޒަޢާމަތުގައި ރާއްޖޭގެ ތަރައްޤީއަށްވެސް މުހިއްމު އެހީތަކެއް ރާއްޖެއަށް ވެދެއްވާފައިވެއެވެ. ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިން ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

