ބޮޑުތަކުރުފާނު މަގު ފުޅާކުރި ނަމަވެސް މާލޭގެ ނެރު ހިމަވުމުގެ ދަތިކަން އުޅަނދުތަކަށް ކުރިމަތިނުވާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، ބޮޑުތަކުރުފާނު މަގު ފުޅާކުރުމުން ނެރު ހަނިވާކަމަށާ މިކަމާ ގުޅިގެން އޮޑިދޯނިފަހަރުގެ ވެރިންގެ ޝަކުވާ އެބަހުރި ކަމަށާއި މިކަމަށް ހައްލެއް ގެނެވޭނެތޯ ސުވާލުކުރެއްވުމުން ވަޒީރު ވިދާޅުވީ، ބޮޑުތަކުރުފާނު މަގަކީ މާލޭގައި އެންމެ ކާރުބާރުބޮޑު އެއް މަގުކަމަށާ މަގު ހަނިވުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވާކަމަށެވެ. އެހެންކަމުން އެ މަގު ފުޅާކުރުމުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަގު ހަދާގޮތުން މިހާރު ވެސް ކީވޯލްގެ ދިގުމިން އިތުރުވާނެ ކަމަށެވެ.
އެކަން އެގޮތަށް ފަހިވެގެންދަނީ ޕާކިންއަށް ހެދި ބައިގައި ތިން ފަރާތަށް ވެސް ލޯންޗު ކައިރި ކުރެވޭގޮތަށް ތަރައްގީކޮށްފައިވުމުން ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިސަރަހައްދަށް ވަދެ ނުކުންނަ އުޅަނދުތަކަށް އުނދަގޫ ނުވާނެ ކަމަށާއި އެ ތަނަކީ ބޮޑެތި އާގުބޯޓު ވަންނާނެ ސަރަަހައްދެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭ ރައްޔިތުންނަށް ލިބޭ ލުއި ފަސޭހައަކާ ދެކޮޅަށް މާލޭ މެމްބަރަކު ވަކާލާތުކުރާތީ ވަޒީރު ވަނީ ކަންބޮޑުވުން ފާޅޫކުރައްވާ އެކަމާ ހައިރާންވާކަން ވެސް ހާމަކުރައްވާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާފައެވެ. ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ތާރު އަޅާފައިވާއިރު، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީން މަސައްކަތް ކުރައްވަނީ، މިމަހުގެ 26އަށް މުޅި މަޝްރޫޢުގެ މަސައްކަތްތައް ނިންމާ މަގު އާންމުންނަށް ހުޅުވާލުމަށެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު މާލޭގެ ޓްރެފިކް މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

