މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އިސްނަގައިގެން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ނަފްސާނީ ދުޅަހެޔޮކަމުގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 235 ސެޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ސެޝަންތަކަކީ މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދިމާވާ މައްސަލަތައް ކުރިއާލާ ދެނެގަތުމަށް އެހީތެރިވުމުގެ މަގްސަދުގައި ހިންގުނު ހަރަކާތްތަކެކެވެ.
މި އިސްނެގުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ބަލިތަކުން ރައްކާތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ތެރެއިން ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ހަރުދަނާކޮށް ދިރުވުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި މާލެ އާބަން ޕްރައިމަރީ ހެލްތު ސެންޓަރުގެ ޓެކްނިކަލް ޓީމު ގުޅިގެންނެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ އަމަލީ މައުލޫމާތާއި ހުނަރު މުވައްޒަފުންނަށް އުނގަންނައިދިނުމެވެ. މީގެ އިތުރުން، އަމިއްލަ ނަފްސަށް ނުވަތަ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ނަފްސާނީ މައްސަލަތަކުގެ ކުރީގެ އަލާމާތްތައް ދެނެގަނެ، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް މި ސެޝަންތަކުގައި ކިޔައިދީފައިވެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކަށް ކުރިއަށް ގެންގދިޔަ ސެޝަނެއްގައި އެމްޓީސީސީ އިން ބައިވެރިވުން—-

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކަށް ކުރިއަށް ގެންގދިޔަ ސެޝަނެއްގައި އެމްސީއެލް އިން ބައިވެރިވުން—-
މި ޕްރޮގްރާމްގެ ދަށުން ތަފާތު އެކި މައުޟޫއުތަކަށް ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ސްޓެލްކޯގެ 99 މުވައްޒަފުންނަށް ބޭއްވި "އިމޯޝަނަލް އެންޑް މެންޓަލް ވެލް-ބީންގް" ސެޝަނާއި، އެމް.ޓީ.ސީ.ސީ، ހައިކޯޓު އަދި އެމް.ޑަބްލިޔު.އެސް.ސީ ފަދަ މުއައްސަސާތަކަށް ބޭއްވި "މެއިންޓެއިނިންގް މެންޓަލް ހެލްތު ތުރޫ ވޯކް-ލައިފް ބެލެންސް" ސެޝަންތައް ހިމެނެއެވެ. އަދި އާރް.ޑީ.ސީ، އެޗް.ޑީ.ސީ އަދި އެމް.އޭ.ސީ.އެލް ފަދަ ތަންތަނުގައިވެސް ވަނީ ކާމިޔާބު ސެޝަންތަކެއް ބާއްވާފައެވެ.
މި ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ފީޑްބެކް ލިބިފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ފާހަގަކުރެއެވެ. ބައިވެރިން ބުނެފައިވަނީ މި ސެޝަންތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކަށް ކުރިއަށް ގެންގދިޔަ ސެޝަނެއްގައި އާރްޑީސީ އިން ބައިވެރިވުން—-

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކަށް ކުރިއަށް ގެންގދިޔަ ސެޝަނެއްގައި އެޗެޑީސީއިން ބައިވެރިވުން—-
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމަށެވެ. މިއީ ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ގައުމީ އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

