ހުޅުމާލެ ފޭސް އެކެއްގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯގައި ގާއިމުކުރާ “މީޑިއާ ވިލެޖް” ގެ ހުރިހާ މަސައްކަތްތަކެއް މި ހިނގާ މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ. “އަމާޒަކީ، މިމަހުގެ ނިޔަލަށް މީޑިއާ ވިލޭޖްގެ މަސައްކަތް އެއްކޮށް ނިންމާލުން،” އެ ކުންފުނިން ބުންޏެވެ.
މި ވިލެޖު ތަރައްގީ ކުރަނީ 17 އަހަރު ވަންދެން ބޭނުން ނުކޮށް ހުރި، 34 މިލިއަން ޑޮލަރުގެ އަގުހުރި އިމާރާތެއްގައެވެ. 2007 ވަނަ އަހަރުން ފެށިގެން އެކި މަޝްރޫއުތަކަށް ބޭނުންކުރަން އުޅެ ނުނިމި އޮތް މި އިމާރާތް، މީޑިއާތަކަށް ހާއްސަ ތަނެއްގެ ގޮތުގައި ބޭނުންކުރަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މީޑިއާ ވިލެޖްގެ މައިގަނޑު މަގުސަދަކީ އަމިއްލަ ތަންތަނުގައި ބޮޑު ކުލި ދައްކައިގެން އޮފީސް ހިންގަން ޖެހިފައިވާ މީޑިއާތަކަށް ލުޔެއް ހޯދައިދިނުމެވެ. މި ތަނުން ވަރަށް ކުޑަ އަގެއްގައި އޮފީސް ޖާގަ އާއި ސްޓޫޑިއޯތައް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ޖުމްލަ 34 ޖާގަ ހިމެނޭ މި މީޑިއާ ވިލެޖާއެކު، ރާއްޖޭގެ މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ލިބި، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީވެ ކުރިއަރައިގެން ދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

