މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން މިއަހަރު ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުން ނުބާއްވާ ގޮތަށް ނިންމެވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުވެސް މި ބައްދަލުކުރެއްވުން ބާއްވާފައެއް ނުވެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މިއަހަރު އޮންނާނީ މިނިވަން ދުވަހުގެ ހެނދުނު 09:00 ގައެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
މި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ތަޤުރީރު ކުރައްވާނެއެވެ. މިއީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެންމެ މުހިންމު ރަސްމީ ޙަރަކާތެވެ.

