މިއަދުގެ ސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއަރމަންގެ މަޤާމު ފުރުއްވި އަދި އެމްޑީޕީގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މުޙައްމަދު ޒަކީ (ނަޒާކީ) އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި ގުޅިވަޑައިގެންފިއެވެ.
ޒަކީ މިރޭ ޕީޕީއެމް އަށް ސޮއިކުރައްވައި ފޯމު ހަވާލު ކުރެއްވީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެވެ. ޒަކީ ޕީޕީއެމަށް ސޮއި ކުރެއްވީ އެ ޕާޓީގެ އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.
ފޯމް ހަވާލުކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ޒަކީ ވިދާޅުވީ އިިދިކޮޅު ކޯލިޝަނާއި ގުޅިވަަޑައިގަތީ، އެ ކޯލިޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ ލާޒިމްކަމެއްކަމަށް ވިސްނިވަޑައިގަންނަވާތީ ކަމަށެވެ. ހަމައެހެންމެ ދައުލަތުގެ އޮޑި ދުއްވަން ހުރީ އެކަމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާއި، އެކަމަށް ގާބިލް ބޭފުޅަކަށް ހުންނެވީ ހަމައެކަނި ރައީސް ޔާމިން ކަމަށް ވެސް ވިދާޅުވިއެވެ.
ނަޒާކީ ޒަކީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ސިއްރުން ނެރެން ފެށި ނޫސް "ސަންދާނު" ގެ އެއް ތަނބެވެ. ސަންދާނު ނޫހުގައި ސަރުކާރާއި ދެކޮޅު ލިޔުންތައް ލިޔެފައިވާތީވެ ރައީސް މައުމޫންގެ ދައުރުގައި ނަޒާކީ ޒަކީ އުމުރަށް ޖަލަށް ލާންވެސް ހުކުމް ކޮށްފައި ވެއެވެ.

