މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު ނާޅާ ހުރި ސަރަހައްދުތަކުގައި ތާރުއަޅާ މާދަމާ މުޅިން ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، ފުރަތަމަ ފިޔަވަހީގެ ސަބް-ބޭސް މަސައްކަތްތަކާއި އެގްރެގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް މިހާރު ސައްތަ އިން ސައްތަ ނިމިފައިވާ ކަމަށެވެ. މާދަމާ ތާރު އަޅާ ނިމުމާއެކު، މުޅި މަޝްރޫއު ނިންމުމަކާ ގާތްވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މަޝްރޫއުގެ ތަފްސީލް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ސެގްމެންޓް 4 އަދި 5 ގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ޕާކިން ޒޯންތަކުގެ މަސައްކަތާއި، ސެގްމެންޓް 2 އަދި 3 ގެ ޕޭވްމެންޓް ހެދުމުގެ އިތުރުން ކޭބަލް ޓްރެންޗިންގެ މަސައްކަތްތަކެވެ.
މި މަހުގެ 26 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ މި ސަރަހައްދަކީ ބާސެލޯ ނަސަންދުރާ އިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ފަޅުން ބައެއް ހިއްކައިގެން ފުޅާކޮށްފައިވާ ސަރަހައްދެކެވެ. މިދިޔަ މާޗް މަހުގެ 23 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ސަބަބުން، ކުރިން ވަރަށް ބޮޑަށް ހަލާކުވެ، އަޑިގުޑަން ގިނަވެފައި އޮތް އެ ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެއެވެ.
ކުރިން ނަސަންދުރާ އާއި ބީއެމްއެލް ހުންނަ ސަރަހައްދަކީ ގިނަ އޮފީސްތަކެއް ހުރުމުގެ ސަބަބުން ޕާކުކުރުމަށާއި ދުއްވާ އެއްޗެއްސަށް ވަރަށް ބޮޑަށް ދަތިވާ ސަރަހައްދެކެވެ. ނަމަވެސް، މަގު ފުޅާކޮށް ތާރު އެޅުމުން ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ޖާގަ ތަނަވަސްވެގެންދާނެއެވެ.
އެމްޓީސީސީން މީގެ ކުރިން ވަނީ ނޯތު ހާބަރުން ފެށިގެން އެމްއެމްއޭ ހުންނަ ސަރަހައްދާ ހަމައަށް ތާރު އަޅާ ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އެ ބަދަލާއެކު އެ ސަރަހައްދުގެ ޓްރެފިކަށް މިހާރު ވެސް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

