ފަހު ބައި
ދެވަނަ ވަރިއަށް ފަހު ނަޝީދު ދިރިއުޅުން ވަރަށް އެކަނިވެރިއެވެ. އެހެނަސް މާޒީގައި ފަޒޫއަށާ ގެއްލިގެން ދިޔަ ދެއަންހެން ދަރިންގެ ހަނދާނެއް ނެތެވެ. އޭނާ ކިތައްމެ ބޭނުންވިއަސް ލިބެން ލިޔުއްވާފައި ނެތް އެއްޗެއް ހަމަލިބޭނެ އެއްވެސް ގޮތެއް ނޯންނާނެކަން މި އިޙްސާސްވީ އަހަރުތަކަށް ފަހު އިއްތިފާޤުން ވިއަސް އޭނާއަށް ފުރަތަމަ ލިބުނު އަންހެން ދަރިފުޅު ސާރާ ފެނިފައެވެ. އޭނާ ސާރާއާ ޝުހާ އަދި ފަޒޫ ކިބައިން މާފަށް އެދެން ވަރަށް ލަދުގަނެއެވެ. ބޯހަލާކުވާ ހާލު އޭނާ ހިތަށް އެވެނި މިވެނިކަމެއް އެރިއެވެ. ނަޝީދަށް އެ ކުށެއްނެތް މަޢުސޫމު މޫނުތަކާ ކުރިމަތިލާނެ ހިތްވަރެއް ނެތެވެ.
އެހެނަސް އޭނާ ދުނިޔޭގައި ނޭވާލާ ހިނދަކު ދެއަންހެން ދަރިންނަށް ބައްޕައަށް ދެވޭނެ އަގުހުރި ހަދިޔާ “ވަލީ” ދޭން ހިތުގައި އަޒުމްކަނޑައެޅިއެވެ.
ބޮލަށް އެނބުރުން އަރާފައި ހުރި ނަޝީދު އެތަނަކުން ނިކުތެވެ. ކިތައްމެ ލަދުގަތަސް ދުނިޔޭގައި އޭނާއަށް ކުރިމަތިލާން ޖެހޭ ލަދު ފަރުދާކޮށްގެން ދެން ނުހުރެވޭނެއެވެ. މީހުންގެ ތެރެއަށް ބޭޒާރުވިއަސް ހައްޤުފާޅުވާ ވަގުތު ޖެހުމުން ލަހެއްފަހެއް ނެތެވެ. ނަޝީދު ހަމަޖެހޭ ގޮތް ދައްކަމުން އައިސް ސްޓޭޖުމައްޗަށް އެރިއެވެ. އެވަގުތު އާސިފާ އެކީ އިން ސާރާއިނީ އިސްދަށަށް ޖަހައިގެނެވެ. ދާދި ދެންމެ ކަންހިނގާދިޔަގޮތުގެ އެއްވެސްކަމެއް އޭނާ ދައްކާން ބޭނުންނެތެވެ. ޝްޓޭޖުގައި އޭނާ ބައްޕަ މާޔޫސްކަމާއެކީ ހުއްޓެވެ. ކޮށިއަރާގޮތްވެ ކަރުކަލާލައި މައިކު އޭނާދިމާއަށް އަނބުރާލިއެވެ. އޭނާގެ އަންހެން ދަރިފުޅު އުމުރުން އެންމެ ހަތްއަހަރު އޭނާގެ ހަޔާތުން ވަކިކޮށްލެވުނީތީ މާފަށް އެދި އާދޭހާއެކު ވާހަކަ ދެއްކިއެވެ. އަޑުއަހަން ތިބިބައެއްގެ ކަންފަތްތައް މި އަޑުއިވިފައި ކުދިކިޔަމުން އަޑުގަދަވިއެވެ. މިވެގެން އުޅޭ ކަމެއް ނޭނގުނެވެ.
ނަޝީދު:” ސާރާ އަބުދުއް ނަޝީދުގެ ފުރިހަމަ ނަމުން ގޮވާލައި ބައްޕައަށް މާފުކޮށްދޭން އާދޭހާއެކީ އެދުނެވެ. އެންމެންގެ ލޯތައް އަމާޒުވި ސާރާއަށް ކެތްނުވެގެން އޭނާ އޮފީހުން ނިކުމެގެން ދުވެފައި ހިގައްޖެއެވެ. ހައިރާންވެ ކަންބޮޑުވެފައިވާ އާސިފާ މައިޝާ އޭނާ ފަހަތުން ދިޔައެވެ. ސާރާއާ އެކުގައި ދެ މިތުރުން އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ދިޔައެވެ. ސާރާގެ ރުއިމަށް ހުއްޓުމެއްނެތެވެ. އެހެނަސް އެތައް އަހަރަކު އޭނާ އިންތިޒާރުކޮށްގެން ހުރިކަމެއްގެ ނިމުން އައީ އިއްތިފާގުންވިއަސް އެވާހަކައެއް އޭނާގެ މިތުރުންގާތުގައި ހިއްސާކުރެވުނު ދުވަހުގައެވެ. އެހަނދާންތަކެވެ.
ފަޒުނާ:” ދަރުފުޅާ ކިހިނެއްވީ؟ އޭނާ ހާސްވެ ކަންބޮޑުވީ އަދާހަމައަށް އޭނާ އެހާ ލޯބިން ގެންގުޅުނު ދަރިފުޅު ހިތާމައިން ފުރިފައިވާތަން ފެނިފައެވެ. ގިސްލެވި ރޮމުން ދިޔަ ސާރާ ހިތްވަރުކޮށްފައި މަންމަގާތުގައި ވެގެން އުޅޭ ހާސަރުކިޔާދިނެވެ. އެވަގުތު އޭނާއާއި އެކުތިބި ދެ ރަހްމަތްތެރިން ވެސް ތިބީ ދެރަވެފައި އަދި ލަދުހީވެފައެވެ. ސާރާގެ ހިތަށް އެރިއެވެ.”މަންމައަށް ނޭނގުނަސް ދަންވަރު ވަގުތުތަކުގައި ކޮއްކޮ އުރައިގެން މަންމަ އެކަނިހާލާ ލޮލުން ކަރުނަ އޮހޮރުވަމުން އުޅޭކަން ސިއްރުން ހޭލާ އޮންނަ އަހަރެންނަށް އެނގެއެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ ބައްޕަގެ ލޯތްބާ ހިނިތުންވުން ފެނުނީ އިނގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ.
ބައްޕަ ފެނުމުން އޭނާ ޖެހިލުންވެއެވެ. އޭނާއަށް ކުރެވުނު ކުށެއް ނުވިސްނުނަސް މަންމަ ގާތުގައި ސުވާލުކޮށްލަން ޖެހިލުންވަނީ ސާރާއަށް ދެކެވޭ ވާހަކައަކުން އެ މަންމަ ހިތުގައި އަޅާވޭން ބޮޑުވެދާނެތީއެވެ. އެހެނަސް އެއީ އޭނާގެ ބައްޕައެވެ. އެ ބައްޕައަށް އޭނާ މާފުކުރާނަމެވެ. ބައްޕަ އޭނާ ދެކެ ލޯބިނުވިއަސް އޭނާ ބައްޕަދެކެ އިންތިހާއަށް ލޯބިވެއެވެ. ކުޑައިރު ރަށަށް ބަދަލުވެ މަންމަކުރާ މަސައްކަތް ފަހައިގެން ލިބޭ ފައިސާއިން ދެއަންހެންދަރިންގެ ޒިންމާ އެކަނިވެރި މައެއްގެ ގޮތުގައި ކެތްތެރިކަމާ އެކީ އެއްވެސް ޝަކުވާއެއް ނެތި ބެލެހެއްޓިއެވެ. އަދި މާލެއައިސް ސާރާއަށް ވަޒީފާލިބިގެން އެ ކުޑަ ޢާއިލާ އުފަލުގައި އުޅެން ފެށިއެވެ. އޭނާ ދެރަވެފައި އިސްޖަހައިގެން އިންތަން އާސިފުއަށް ބަލާކަށް ފަސޭހައެއް ނުވިއެވެ.
އާސިފު:” ސާރާ. ދެން ނޮރޮއެ. އެކަން އެނިމުނީއެއްނު. ބައްޕަ މާފަށްވެސް އެދިއްޖެއްނު. މައިޝާ:” އެއީ ތެދެއް ސާރާ. މައިޝާއަށް ރޮވުނެވެ. ދޮރުގައި މީހަކު ބެލްއަޅާލި އަޑަށް އޭނާއަށް ސިހުންވިއެވެ. މައިޝާގޮސް ދޮރުހުޅުވާލައި އިސްދަށަށް ޖަހާލައި ފަހަތައް ބަލާލިއެވެ. އަންވަރާ އެކީ ނާޝިދު ހުރީ ސާރާއާ ބައްދަލުކުރަން އައިހެވެ. ލޮލުން ލޭކަރުނަ އޮހޮރޭ ނިކަމެތިކަމާ އެކީ އޭނާއަށް އައިސް ސާރާއާ ފަޒޫގެ ފައިބުޑަށް ތިރިވެ ރޯންފެށުމުން ސާރާއަށް ކެތްކުރަން އުނދަގުވިއެވެ. އަނގައިން ބަހެއް ބޭރުނުކޮށް ހުރި ވަރިކުރިފުޅު އެހުރީ އޭނާގެ ހަތަރު ކަޅި އެމީހަކަށް ހަމަކުރަން އުނދަގުވެފައިކަން ގައިމެވެ. ފަޒޫހިތުގައި އަޅާވޭން އެއީ އެހެން މީހަކަށް އިޙްސާސްވާނެ އެއްޗެއް ނޫނެވެ.
ސާރާ:” ބައްޕާ. އަހަރެން ބައްޕައަށް މާފުކޮށްފިން. އަހަރެންނަށް ކުރެވުނު ކުށް އަހަރެންނަށް އޮޅުން ފިލުވާލަދީ. އަޑު ކުރަކިކޮށް އޭނާއަށް އެހެން ބުނެވުނީ އަދު އޭނާ ގާތުގައި އޭނާއަށް ހެޔޮއެދޭ ދެމިތުރުންނާ ލޯބިވާ މަންމަ ގާތުގައި ތިބީމައިއެވެ.
އެމީހުންގެ ހިތްވަރާ ނަސޭހަތް އަޑުއަހާފައެވެ. އަންވަރު:” ނަޝީދު. ދެން ހިތްވަރުކުރޭ. ފަޒުނާގެ ގާތުން އޭނާގެ ހިތް ކަފަގަނޑެއްހެން މަޑުވެ މައިތިރިވަންދެން މާފަށް އެދެން ހައްޤު. ކުށްކުރާނީ ވެސް އިންސާނުން. އެފަދަ ކުށަށް މާފުދޭނީވެސް ހަމަ އިންސާނުން. އެކުށަށް ތަޢުބާވީމަ އެކަން އެނިމުނީ. އަންވަރުހިތަށް ވެސް އަސަރުކުރީ އޭނާއަކީ ޒިންމާދާރު ބައްޕައަކަށް ވީމައެވެ. ފަޒުނާހުރީ ދެއަތުން މޫނުނިވާކޮށްގެން އިސްދަށަށް ޖަހައިގެނެވެ. އޭނާ ކުރިމަތީ ހުއްޓިހުރި ނަޝީދަށް ދުވަހަކުވެސް ބަލަން ބޭނުން ނުވާކަހަލައެވެ.
ނަޝީދު:” ފަޒޫ، އަހަރެންނަށް މާފުކުރޭ. އަހަރެންނަށް މާފު ހައްޤުވާނެތަ؟ ފަޒޫއަކީ އަހަރެންނަށް ހާދަ ރަނގަޅުއަންބެކޭ. އޭނާއަށް އަނގައޮޅެމުން ނަފްސާ ވާހަކަ ދައްކަން ފެށުނެވެ.
ނަޝީދު:” އަހަރެންނަށް އޭނަ ކުށްވެރިކުރެވުނީ . އެއީ އޭނަގެ ކުށެއްތަ؟ ފަޒޫއާ ވަކިވެގެން އަހަރެންނަށް އެއްވެސް ހިތްހަަމަ ޖެހުމެއް ނުލިބުނު. މިއަދު ލަދުގަނޭ، އަހަރެން ހަށިގަނޑުގަ އަލިފާން ޖެހި މި ހުދު ތުނި ހަންފަށަލަ ނޮޅިގެން ދިޔަސް ކެތްތެރިވެވިދާނެ އެކަމަކު … ފަޒުނާ.. ފަޒުނާ އަހަރެންނަށް މާފު ނުކޮށްފިޔާ އެކަމަށް އަހަރެންނަށް ކެތްވާނެތަ؟
މަގޭ ޝޫހާގެ ސިފައަކީ ކޮބައިކަން ވެސް އަހަރެންނަށް އެކުއްޖާ ފެނުނަސް ނޭނގޭނެ. އޭނާގެ ނިކަމެތިކަން އިތުރުވިއެވެ.
ސާރާ:” ބައްޕާ. ދެން ނޮރޮއެ ، އިރާދަކުރެއްވިޔާ މަންމައާ ކޮއްކޮގެ ހިތް ބައްޕައަށް ސާފުވާނެ. ތިކަމަށް އަހަރެންގެ ހިތް ބައްޕައަށް ސާފުވެއްޖެ.
ނަޝީދު: ތިޔަހެން ތިކަން ވޭތޯ އެއީ އަހަރެންގެ ދުޢާއަކީ. އެކަމަކު އަހަރެންގެ ފަރާތުން “ކުލުނެއް ނެތް އެލޯބީގެ ބަދަލު ފަޒުނާއާ ދަރިންގެ ކިބައިން ލިބޭނީ ކިހިނެއް؟
އަހަރެން ފަޒޫއެއް ކުށްވެރިއެއް ނުކުރަން. ހުރިހާ ކުށެއް ކުރެވުނީ އަހަރެންނަށް. މިއަދު ދެރަވޭ. އެކަމަކު ސާރާއާ ޝުހާއަށް މި ބައްޕަގެ ފަރާތުން އުނިވެގެން ދިޔަ ލޯބިން އެންމެ ތަންފުކެއްވެސް ދެން ދުވަހަކުވެސް ނުގެއްލޭނެ އުނިނުވާނެ. އަހަރެންނަށް އަންހެން ދަރިން ދެއްވީ ނިޢުމަތަކަށް ކަން ހަނދާން ނައްތާލިކަމުގެ ހިތިރަހަ މި އަރުތެރޭގަ ލަނީ. ”
ކުއްލިއަކަށް ޝުހާއައިސް ގެއަށް އެވަނީއެވެ. މީ ކޮންކަމެއް ހެއްޔެވެ؟ މިތިބީ ކޮންބަޔަކު ޒިޔާރަތްކޮށްގެން އުޅޭ ދުވަހެއްޔެވެ؟ އޭނާ ލަދުގެންފައި ހުރީމައި ސާރާ އޭނާ ލޯފުހެލާފައި އެއައިގޮތައް ކޮއްކޮ އަތުގައި ހިފައިގެން ނަޝީދުގާތައް އައެވެ. ވެގެން އުޅޭގޮތެއް ސާފެއްނުއެފައި ހުރި ޝުހާއަށް އެފެނުނު މީހާއަކީ ކާކުކަން ދެނެގެންފިއެވެ.
ސާރާ:” ކޮއްކޯ. މިއީ ބައްޕަ. ލޯކަރުނުން ފޯވެދުޅަވެފައި ހުރި ނަޝީދު ޝުހާއާދިމާއަށް އޯގާތެރި ފުންބެލުމަކުން ނަޒަރުހިންގާލައި ވަަރަށް ލޯބިން އޭނާ ބޮލުގައި ފިރުމާލިއެވެ. ނަޝީދު:” ދަރިފުޅާ ޝުހާ. މިއީ ދަރިފުޅުގެ ބައްޕަ. އޭނާ އަނގައިން ބަސްހުއްޓުކަހަލައެވެ. ބައްޕައަކީ އޭނާއަށް ކުރެވޭ ޚިޔާލީމީހެއް ނޫނެވެ. މިއީ އަސްލެވެ.
މިއަދާހަމައަށް ފޮރުވިފައިވާ ސިއްރު ހާމަވީއެވެ. ޝުހާ:” ލައްބަ. އޭނާ ބައްޕަ ގައިގާ ބައްދާލުމުން ސާރާވެސް އައިސް ނަޝީދުގައިގާ އޮޅުލާގަތެވެ. ސާރާގެ ގާތް ދެ މިތުރުން ވެސް އެކަމާ އުފާކުރިއެވެ.
އަންވަރު ހިނިތުންވުމާއެކީ ނަޝީދު ކޮނޑުގައި އަތް ޖައްސާލިއެވެ. އެންމެން ވަރަށް ވާހަކަ ދެއްކިއެވެ. ވެދިޔަތަން ހިތި މާޒީ ހަނދާން ނައްތާލަފައި ދުނިޔޭގައި ނޭވާލާން އޮތް މަދުދުވަސްތައް ގައި އުފާވެރިކަން ގެނުވާށެވެ. ހަފްތާއެއް ފާއިތުވިއެވެ. ސާރާއާ އާސިފުގެ އަލަތު ކައިވެނި ކުރެވުނެވެ. ހުރިހާ ޚަރަދަކާ ކަމެއް ޒިންމާ ނެގީ ނަޝީދެވެ. އަންވަރުގެ ދެމަފިރިންވެގެން ހަދިޔާއަކަށް ބޮޑު ކައިވެނި ހަފްލާއަށް އޭނާ މަސައްކަތް ކުރާ ރިސޯޓުން މަސްދުވަހުގެ ތިބުމަށް އައު ކައިވެނީގެ ދެމަފިރިންނަށް ހަނީމޫނު ހަމަޖެއްސިއެވެ. ކައިވެނީ ހަފްލާގައި މީހުން އަވަދިނެތި އުޅުނެވެ.
ދުރުން ހުދުކުލައިގެ ފިނިފެންމަލުން ޒީނަތްތެރިކޮށްލާފައި ހުރި މޭޒުދޮށުގައި ފަޒުނާއިނީ އޭނާ ދަރިންގެ އުފާތަކަށް ލޮލުގެ ހަމަޖެހުންކަމަށްވީމައި ނަޒަރު ހިންގާލައިގެނެވެ. އެދުވަހުން ފެށިގެން އަދިވެސް ފަޒުނާ އެއްވެސް ބަހެއްނުބުނެއެވެ. އެކަމާ ނަޝީދު ފިކުރުކޮށް ކަންބޮޑުވެއެވެ. އޭނާއަށް ފަޒުނާގެ މާފުލިބޭނީ ކިހިނެއްހެއްޔެވެ؟ ނަޝީދު އައިސް ފަޒުނާގާތުގައި އިށީނެވެ. ނަޝީދު:” ފަޒޫ. އަހަރެންނަށް މާފު ހައްޤެއް ނޫންކަން ޤަބޫލުލުރަން. ވަރަށް ދެރަވެފައި ހުރި އަޑު ކުރަކިވިއެވެ. އަހަރެންގެ ފަރާތުން އެއްވެސް އުފަލެއް ނުދެވުނީތީ އަބަދަށް ހިތާމަކުރަން. އާދޭސްކޮށްފަ ބުނަން “ކުލުނެއް ނެތް އެލޯބި” ނުދެވުނު ދެދަރިންގެ ބައްޕައަށް މާފުކޮށްދީ. އެއަށް ވުރެބޮޑު ކަމަކު ނޭދޭނަން.
އިސްދަށަށް ޖަހައިގެން އިން ފަޒުނާ ލޮލުން ވޭންހުރި ހިތްދަތި ކަރުނަތައް ހުއްޓުމެއް ނެތި އޮހޮރިގެން ކޮތާފަތައް ފޭބިއެވެ. އޭނާ ލޮލުން ފޭބި އެ ކަރުނަތައް ނަޝީދުގެ އިނގިލިތަކުން އެހެން ނޫނީ ނުވާފަދަ އޯގާތެރިކަމާއި އެކު ފުހެލިއެވެ. ބަފަޔަކާ ނުލައި އޭނާ ދެދަރިން ބަލާބޮޑުކުރީ ވަރަށް މިންނަތް ބުރަ މަސައްކަތުންނެވެ. އަދު އެ ދެކުދިންގެ ހިތްވެސް އެ ލޯބިނުދެވުނު ބައްޕައަށް އެއްވެސް ބުރަކަމަކާއި ނުލައި ހިތްސާފުކޮށްފިއެވެ. ބައްޕަ ދުނިޔޭގައި ހުރެމެ ބައްޕައެއްގެ ފަރާތުން ނުދެވުނު ލޯބިން އެންމެ ތަންފުކެއްވެސް އުނިނުވާނެހެން ލޯބިދިނީ ވެސް އެމަންމަ އެކަންޏެވެ. ބައްޕައެއްގެ ލޯބިން މަހުރޫމްވެ އެކަން އިޙްސާސްނުކޮށްދީ، “ކުލުނެއް ނެތް އެލޯބިން” އުނިނުވާނެ ފަދަ ހުރިހާ ލޯތްބެއް ދީގެން އެކަނިމާއެކަނި ހާލާއި ބަލައި ބޮޑުކޮށް ޤުރުބާންވި ދެދަރިންގެ ހައްޤުގައި އަދު ނަޝީދުގެ ސުވާލުގެ ޖަވާބައް ފަޒުނާ އާއެކޭ ބުނުމުގެ ގޮތުން އިސްދަށަށް ޖަހާލައި ބޯޖަހާލިއެވެ.
=ނިމުނީ=
ލިޔުނީ:”މަންދު”

