ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާތަކާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ގޮތަށް ދީފައިވާ ނުރައްކާތެރި ހަމަލާތަކެކެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ އެކު ސާބިތުކަމާއެކު ކަމަށް ބަޔާނުގައިވެއެވެ. ސައުދީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.
ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާގެ މަގު އިސްކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ. މިއީ ސަރަހައްދީ ސުލްހަ ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ސައުދީގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް މި ހަމަލާތައް ދީފައިވަނީ ޔަމަނުގެ ހޫތީންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހޫތީން މި ހަމަލާ ދީފައިވަނީ އީރާނުގެ އާންމުން ގޮވައިގެން ޔަމަނުގެ ސަނާ އެއާޕޯޓަށް ދަތުރުކުރި ބޯޓަކަށް ސައުދީ ސިފައިން ހުރަސްއެޅުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ.

