މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޚާއްސަ ދުވުން “މިނިވަން ރަން” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އެ ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން އިންތިޒާމުކޮށް ކުރިއަށްގެންދިއުމަށްޓަކައި “ވީރަން މޯލްޑިވްސް” އާއެކު ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު މުނާޒެވެ. ވީރަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ މެނޭޖަރ ހައްވާ ނީލާ އެވެ.
“މިނިވަން ރަން” އަކީ ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާތަކުގެ އިތުރުން އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މިނިވަން ދުވަހުގެ ރޫހާއި ޤައުމީ އެކުވެރިކަން އާލާކުރުމާއި، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއެޅުމެވެ.
މި ރަސްމިއްޔާތުގައި ވަނީ ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ “ވީރަން އެޕް” ވެސް ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތް ކުރިއަށްގެންދާ ވީރަން މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދުވުމުގެ ގިނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ، އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. މިނިވަން ދުވަހުގެ މި ހަރަކާތަކީ ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ބާއްވާ މުހިންމު ހަރަކާތެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

