ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ކުދިންތަކެއް، އެ ރަށުގެ އާންމު ރައްޔިތަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ މަރުކަޒުގައި ފަރުވާ ހޯދަމުންދާ ތިން ކުއްޖަކަށެވެ. އެ ކުދިން މަރުކަޒުން ބޭރަށް ނުކުމެ، ރަށުގެ މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، އެ ކުދިން ހަމަލާދީފައިވަނީ ބަނދަރުމަތީގައި މަސް ބާނަން ހުރި މީހަކަށެވެ. އަދި އެ މީހާ ރަހީނުކޮށް، އަނިޔާކުރުމަށްފަހު ފަޅުގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހޯރަފުށީގައި ހިންގާ މި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން އިސްލާހުކޮށް، އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ “ހާފްވޭ ހައުސް” އެކެވެ.

