ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ބިން ހަވާލުކުރިކަމުގެ ރަސްމީ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މިއީ ގޯތި ލިބުނު ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެކެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް މިހާރު “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ޑިޖިޓަލްކޮށް މި ލިޔުން ހޯދޭނެއެވެ. ލިޔުން ޑައުންލޯޑް ކުރުމަށްޓަކައި އީފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު، ގޯތި ހަވާލުކުރުމުގެ ބައިން ތަފްސީލުތައް ބަލައިލެވޭނެއެވެ. މި ލިޔުމުގައި ގޯތި އޮތް ވަކި ސަރަހައްދު ދެނެގަތުމަށްޓަކައި ކިއުއާރް ކޯޑަކާއި ލިންކެއް ހިމަނާފައިވާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މި ލިޔުން މިހާރު ދޫކުރަމުންދަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން އަލުން ގުރުއަތު ނަގައި، ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް، ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ ސަރަހައްދެއްގެ މަސައްކަތް ނިމުމުން ލިޔުން ދޫކުރާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރު ހިއްކައި ގޯތި ދޫކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެ ސަރަހައްދުގެ ޕްލޭނަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާއެކު ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައި، ގުރުއަތުލުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ ކުރިން ބިން ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް ގުޅީފަޅަށް ސީދާ ދާން ޖެހުނު ނަމަވެސް، އައު އިންތިޒާމުގެ ދަށުން އެ ސަރަހައްދަށް ނުގޮސް ގޯތީގެ މިހާރުގެ ހާލަތާއި ހުރި ތަން މެޕުން ބަލައިލުމުގެ ފުރުސަތު އާންމުންނަށް ވަނީ ފަހިވެފައެވެ.

