ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުންގެ މަގާމަށް، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން ތާއީދުކުރާނެ ކެންޑިޑޭޓުން ރަސްމީކޮށް ކަނޑައަޅައިފިއެވެ.
ކޮންގްރެސް ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެލްޖީއޭ ބޯޑުގެ ގޮނޑިތަކަށް އެ ޕާޓީގެ ތާއީދާއެކު ވާދަކުރައްވާނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އާއި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް މަރިޔަމް ޒީނާ ކަމަށެވެ.
މި އިންތިޚާބަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރު އެލްޖީއޭގެ ނިންމުންތަކުގައި ހިމެނުމަށްޓަކައި ބާއްވާ މުހިންމު އިންތިޚާބެކެވެ. ޕީއެންސީން ވަނީ އެ ޕާޓީން ތާއީދުކުރާ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް، އެ ފަރާތްތަކަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިޚާބު ތާވަލުކުރެވިފައިވަނީ ކުރިއަށް އޮތް އޯގަސްޓް މަހުގެ 8 ވަނަ ދުވަހަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށެވެ.

