މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަސް ސެގްމެންޓުގައިވެސް ތާރުއަޅައި ނިންމާލައިފިއެވެ. މި މަސައްކަތުގެ ދަށުން ތާރުއަޅާފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދުގައެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއަޅާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ސަރަހައްދުގައި މަގުގެ ނިޝާންތައް ކުރެހުމާއި، ބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ރޭގެ ވަގުތެއްގައި ވަނީ ތާރުއަޅާ ނިންމާފައެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ، މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި ސައިން ބޯޑުތައް ހަރުކުރުމުގެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއު ކުރިއަށްދާ ސަރަހައްދަކީ ސަރުކާރުގެ އޮފީސްތަކާއި، ބޭންކުތަކުގެ އިތުރުން މާލޭގެ ބާޒާރު ސަރަހައްދު ހިމެނޭ، ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑު ސަރަހައްދެކެވެ. އެހެންކަމުން، ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 ސައިކަލަށް ޕާކު ކުރެވޭނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޕާކިން ޒޯނު ތަރައްގީކުރުމާއި މަގުގެ ޕޭވްމަންޓު ހެދުން ހިމެނެއެވެ. މި މަޝްރޫއަކީ މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަނީ ކުޑަކޮށް ލަސްވެފައެވެ. އެހެންނަމަވެސް، މިހާރު ކުރިއަށްދާ ދުވެއްޔަށް ބަލައި، މުޅި މަޝްރޫއުގެ މަސައްކަތް މި މަހުގެ 26 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން އަންދާޒާކުރެއެވެ.

