ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މުޅި ގައުމުގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އިންޒާރު ދެއްވައިފިއެވެ. ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ މާލީ ނިޒާމުގެ މައިބަދަ ކަމަށްވާއިރު، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރާ މަސައްކަތްތަކުގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ކުރާނެ ކަމަށެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބޭންކުގައި ޑޮލަރު ނެތް ކަމަށާއި، ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ބޭކާރު ހަރަދެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ޝަރީފް ވަނީ ވަރުގަދަ ރައްދުތަކެއް ދެއްވާފައެވެ. ޚާއްސަކޮށް ޑޮލަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައިވަނީ 21 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މިހާރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ބޭންކުން ދޫކުރަމުންދާ ކަމަށެވެ.
“ވޭތުވެދިޔަ 6 މަހަށް ބަލާއިރު ބީއެމްއެލްގެ ތާރީޚުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ މި މުއްދަތުގައި،” ޝަރީފް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޑޮލަރު ގަންނަން ލިބޭ މިންވަރަށް ވުރެ ޑޮލަރު ވިއްކަންޖެހޭ އަދަދު އިތުރުވުމަކީ މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމެއް ނަމަވެސް، ބޭންކުން ދަނީ އެކަން ކުރަމުންނެވެ.
އަތޮޅުތެރޭގެ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، ރަށްރަށުގައި އޭޓީއެމްތަކާއި ބްރާންޗުތައް ގާއިމުކުރުމަކީ ބޭކާރު އިންވެސްޓްމެންޓެއް ނޫން ކަމަށެވެ. އެއީ ރައްޔިތުންގެ މެދުނުކެނޑި އެދެމުންދާ ޚިދުމަތްތަކެއް ކަމަށާއި، މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ބޭންކިންގ ޚިދުމަތް ލިބުމަކީ ބޭންކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ މާލީ ދުޅަހެޔޮކަން ހާމަކޮށްދެއްވުމުގެ ގޮތުން ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު މުޅިއަކު 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ދުވެލި ދެމެހެއްޓުމަށް ބޭންކުން ވަމުންދާ މުހިންމު ގުރުބާނީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

