ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ރަށެއްގައި ބްރާންޗުތައް ހުޅުވައި ބޭންކުގެ ވިއުގަ މިއަދު ފުޅާކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް އަލަށް ފެށިގެންދިޔަ ހަތް ރަށަކީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށް އެވެ. މި ބްރާންޗުތަކާއެކު ބޭންކުން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ދަނީ ހިންގަމުންނެވެ.
ބޭންކުން ހާމަކުރި ގޮތުގައި މިހާރު ހިންގަމުންދާ ބްރާންޗުތަކުގެ ތެރޭގައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އަލަށް ހުޅުވި 17 ބްރާންޗެއް ހިމެނެއެވެ. މިއީ ބޭންކިން ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ ދެމެހެއްޓެނިވި އިންވެސްޓްމެންޓެއް ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ލިބޭ މާލީ ކުރިއެރުން އިންވެސްޓު ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. “ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ،” ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ މި ބްރާންޗުތަކުގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލްއިން މިހާރު 340 އޭޓީއެމްއާއި ޒަމާނީ ޑިޖިޓަލް ބޭންކިން ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ދެމުންދެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އައު އީޖާދުތަކާއި ހިދުމަތްތައް ފުޅާކުރުމުގެ ޒަރީއާއިން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

