ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ސްކޮލަޝިޕް މަޝްރޫއުއަށް ޖަޕާނު ސަރުކާރުން 152 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 1 މިލިއަން ޑޮލަރު) ގެ ހިލޭ އެހީއެއް މިއަދު ދީފިއެވެ. މި އެހީއަކީ ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" (ޖޭޑީއެސް) ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެހީއެކެވެ.
މި އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ހާރިޖީ ވުޒާރާގައި ވަނީ ބާއްވާފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ދިނުމަށް ނިންމާފައިވަނީ ޖުމްލަ 1,020,134 އެމެރިކާ ޑޮލަރެވެ. 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މި ސްކޮލަޝިޕް ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މުސްތަގްބަލުގެ އިޖުތިިމާއީ އަދި އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު ޒުވާނުން ބިނާކުރުމެވެ. އަދި ގައުމު އާރާސްތު ކުރުމުގެ މުހިއްމު މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރާނެ މީހުން ތަމްރީނުކުރުމަކީ ވެސް މި މަޝްރޫއުގެ އަމާޒެކެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ތައުލީމު ހާސިލްކޮށް ދަސްވެނިވެފައިވާއިރު، މިހާރު ވެސް ޖަޕާނުގެ އެކި ޔުނިވާސިޓީތަކުގައި ރާއްޖޭގެ ނުވަ ދަރިވަރަކު އަންނަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ.

