ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތައާރަފުކުރި ފަހުން، މިހާތަނަށް 3،800 އަށްވުރެ ގިނަ ފަރާތުން އެ ޕްލެޓްފޯމް މެދުވެރިކޮށް މުއާމަލާތްތައް ހިންގަން ފަށާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ލިބެމުންދާ މުހިންމު ކުރިއެރުމެއް ކަމަށެވެ.
ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލް ފަދަ ބައިނަލްއަގުވާމީ މަންސަތައް ރާއްޖެއަށް ގެނައުމަކީ މީގެ ކުރިން ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް، މިހާރު އެކަން ހަގީގަތަކަށް ވެފައިވާ ކަމަށެވެ. “މިއަދު އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ގާތްގަނޑަކަށް 3،800 އަށްވުރެ ގިނަ ފަރާތުން އެކައުންޓް އެކްޓިވޭޓްކޮށް ޓްރާންސެކްޝަންތަކެއް ފެށިއްޖެ،” ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫގައި ގާއިމުކުރާ ގޫގުލްގެ އިންވެސްޓްމަންޓަކީ ވެސް ސަރުކާރުން ތަފާތު އެޕްރޯޗެއް ގެންގުޅުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރާއި، ޕޭޕަލް އަދި އޫރީދޫ ގުޅިގެންނެވެ. މި ޚިދުމަތުގެ ސަބަބުން ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ދިވެހި ފަންނުވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް އަދި ކްރިއޭޓީވް އިކޮނޮމީގެ ޒަރިއްޔާއިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. ޕޭޕަލް ފަދަ ޒަމާނީ ވަސީލަތްތައް ތައާރަފުވުމަކީ ދިވެހި ޒުވާނުންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުގައި ހަރަކާތްތެރިވުމަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެކެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ހަރުދަނާކޮށް، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކުގެ އެންމެ ކުރީ ސަފަށް ރާއްޖެ ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

