ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަޕްރަނަޝިޕް ފައިނޭންސިން" މިއަދު ތައާރަފުކޮށްފިއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ބޭއްވި ޔޫތް އެންޓަޕްރަނާޝިޕް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ފައިނޭންސިން ފެސިލިޓީއަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ސްކީމެކެވެ. އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ނެގޭ ގޮތަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެއެވެ. މިއީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ސްކީމަކީ ޒުވާނުން އިގްތިސޯދުގައި ބައިވެރިވުން އިތުރުކޮށް އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މުހިންމު ބައެއް ކަމަށެވެ. "މި މަޝްރޫއު މިހާ ފުރިހަމަކޮށް ފެށިގެން ދަނީ ސަރުކާރުން ފުރިހަމަ އެއްބާރުލުމާއެކު. މި ސްކީމްގެ މައިގަނޑު ބޭނުމަކީ ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ގައުމުގެ އުފެއްދުންތެރިކަމުގައި އަމަލީ ގޮތުން ބައިވެރިވާ ބަޔަކަށް ހެދުން،" ޝަރީފް ވިދާޅުވިއެވެ.
އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމައި، އަވަސްކަމާއެކު ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެއެވެ. މިއީ ޖުމްލަ އެއް ބިލިއަން ރުފިޔާގެ ބޮޑު ސްކީމެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލްގެ އަމާޒަކީ ހަމައެކަނި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށާއި، ރާއްޖޭގައި ކާމިޔާބު ވިޔަފާރިވެރިން ބިނާކުރުން ކަމަށް އެ ބޭންކުން ބުނެއެވެ. ޒުވާނުންގެ ކިބައިގައިވާ ހުނަރާއި ގާބިލްކަމަށް ކުރެވޭ އިންވެސްޓަކީ ރާއްޖޭގެ މުސްތަގްބަލަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އިންވެސްޓްމެންޓް ކަމަށް ވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ.

