ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަލަށް ތައާރަފުކުރި “އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026” އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ގެސްޓްހައުސް ސެކްޓަރުގެ ކުރިއެރުމާއި ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ހަރަކާތެކެވެ.
މި ޕްރޮގްރާމްގެ ދަށުން ތިން ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކަށް ޚާއްސަ 8 އެވޯޑަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ފަރުދުންނަށް ދޭ 3 އެވޯޑެއް ހިމެނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ބޮޑު އެއްބާރުލުމެއްދޭ ރަށެއް ހޮވައި “ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް” ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއައިބީން ބުނި ގޮތުގައި މި އެވޯޑަށް ކުރިމަތިލާ ގެސްޓްހައުސްތައް ވަޒަންކުރާނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ 3 ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓްހައުސްތަކަށް ޚާއްސަ ޓިއާ 1 އަދި 11 ކޮޓަރިން ފެށިގެން މަތީގެ ތަންތަނަށް ޚާއްސަ ޓިއާ 2 އެވެ. މިގޮތަށް ބަހާލީ އެކި ފަންތީގެ ތަންތަނުގެ މެދުގައި އިންސާފުވެރިކަމާއެކު ވާދަކުރުމުގެ ފުރުސަތު ދިނުމަށެވެ.
މި އެވޯޑުގެ ހުރިހާ މަރުހަލާއެއްގެ އިވެލުއޭޝަންތައް ކުރިއަށްދާނީ މިނިވަން އަދި ހާމަކަން ބޮޑު ނިޒާމެއްގެ ދަށުންނެވެ. އެމްއައިބީން ވަނީ މި މަސައްކަތުގެ މިނިވަން އިވެލުއޭޝަން ޕާޓްނަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އެޑްވައިޒަރީ ހަމަޖައްސާފައެވެ. އެވޯޑު ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ޚިދުމަތުގެ ފެންވަރާއި، ދިވެހި ސަގާފީ ތަޖުރިބާތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.
އެވޯޑަށް ޝައުގުވެރިވާ ފަރާތްތަކުން އެމްއައިބީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ފޯމާއެކު ގެސްޓުންގެ ރިވިއުތަކާއި، ފޮޓޯ އަދި ވީޑިއޯގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. އެވޯޑާ ގުޅޭ އިތުރު ތަފްސީލު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އެވޯޑު ހަވާލުކުރާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

