އުކުޅަހުގައި އަޅާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަން ހާމަކުރައްވައިފިއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ކުރެއްވި އަދާ ހަމަ ޕޯސްޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، އުކުޅަހު ފުލުހުންގެ މަރުކަޒުގެ ފުރާޅު ހެދުމަށް ބޭނުންވާ ސްޓްރަކްޗަރަލް ފްރޭމްވޯކްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެތެރޭގެ ފާރުތަކުގައި ސިމެންތިޖެހުމުގެ މަސައްކަތްކަމަށެވެ.
މި މަޝްރޫއުގެ %75 މަސައްކަތް ނިމިފައިކަމަށް އެމްޓީސީސީން މެއި މަހު ހާމަކޮށްފައެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމާގޮތަށެވެ. އަދި މަޝްރޫޢުގެ ދަށުން 5،200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބިންގަނޑާއި ކޮންކްރީޓް އަދި މެޝަނަރީ މަސައްކަތްތަކާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އުކުޅަހު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިދިޔަ އޮގަސްޓްމަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
އުކުޅަހު ފުލުހުންގެ މަރުކަޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

