ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން ހާމަކުރައްވައިފިއެވެ.
މަޝްރޫއުއާ ހަވާލުވެ ކުރިއަށް ގެންދާ ކުންުފުނި ކަމުގައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޝްރޫއުގެ އަދާހަމަ ހާމަކޮށް އެކްސްގައި ވަނީ ޕޯސްޓު ކުރައްވާފައެވެ.
އެ ޕޯސްޓުގައި އެމްޓީސީސީއިން ހާމަކުރައްވާފައިވާ ގޮތުގައި، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ބޭރު ތޮށިލުމަށް ބޭނުންވާ ވެލިއެޅުމާ، އެ ސަރަހައްދު އެއްވަރުކޮށް ބައްޓަންކުރުމުގެ ނުވަތަ ޕްރޮފައިލް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން ބަނދަރުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
މީގެ އިތުރުން ފަޅު ފުންކުރުމާއި ކޮނުމުގެ މަސައްކަތުގެ އިތުރުން، ވެލި ބޭނުންކޮށްގެން ބޭރުތޮށި ހެދުމާއި، ރޮކް އާމަރ ބޭނުންކޮށްގެން ބޭރުތޮށިލުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އަދި ރޭމްޕް ހެދުމާއި، ކަލްވަޓް އެޅުމާއި، ކޮންކްރީޓް ޖެޓީއާއި އެއްގަމުތޮށިލުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ބަނދަރުގެ އުމުރާނީ މަސައްކަތްތަކުގެ އިތުރުން، ބަނދަރު ބައްތި ހަރުކުރުމާއި ދުވާރު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މިއީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ އަދި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.
ގަމުގެ ބަނަދުރގެ މަސައްކަތަކީ އެ ރަށުގެ ދަތުރުފަތުރާއި އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

