ބައިނަލްއަޤްވާމީ މަޝްހޫރު ޝިޕިން ކުންފުނި އެވަގްރީން ލައިންގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި، އެވަގްރީން ޝިޕިންގް އެޖެންސީ ލަންކާގެ ޕްރެޒިޑެންޓް ރިއޯ ޖެންގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފެވެ. މީގެ އިތުރުން ސްޓޭޓް ޝިޕިންގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެވަގްރީން ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށްދެނި ޤައުމީ އާގު ބޯޓު ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން މެދުވެރިކޮށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއް ލަތީފް ވިދާޅުވީ މި އެއްބަސްވުމުން ޤައުމުގެ އިޤްތިޞާދު ރަނގަޅު އަމާޒަކަށް ދަތުރުކުރާކަން އެނގިގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ 90،000 އަށް ވުރެ ގިނަ މުދަލުގެ ބާވައްތައް އެތެރެކުރާއިރު ރާއްޖެއަށް މި ސިނާޢަތަކީ ވަރަށް މުހިންމު ސިނާޢަތެއް ކަމަށެވެ.
އެވަރގްރީން ލަންކާ ޕްރައިވެޓް ލިމިޓަޑްގެ ވައިސް ޕްރެޒިޑެންޓް އަނޫރާދާ ފެނާންޑޯ ވިދާޅުވީ، ރާއްޖޭގެ މާކެޓަށް ވަނުމަށްޓަކައި އެންމެ އެކަށީގެންވާ ބައިވެރިއަކު ހޯދުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެ ގޮތުން އެމްއެސްއެސް އަކީ އެކަމަށް އެންމެ ގާބީލު އަދި ރަނގަޅު ބައިވެރިޔާ ކަމުގައި އަނޫރާދާ ވިދާޅުވިއެވެ. އަދި އެމް.އެސް.އެސް އާއެކު ފެށުނު މި ގުޅުމުގެ ސަބަބުން، އިތުބާރު ހުރި، އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިވެހި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެވަގްރީން ކުންފުންޏަކީ ހުރިހާ ބައްރަކަށްވެސް މުދާ އުފުލުމުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެވަގްރީންގެ ޚިދުމަތްތައް ދިނުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންއިން ސޮއިކޮށްފައިވަނީ އެވަގްރީންގެ ލަންކާ އޮފީހާއެކުއެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން އެވަގްރީން ލައިންގެ ޕާޓްނަރަކަށް ވުމާއެކު މިހާރު އެ ކުންފުނީގެ ވެބްސައިޓުގައި ވަނީ ރާއްޖެ ހިމަނާ ރާއްޖެ ތަމްސީލް ކުރާނީ ސްޓޭޓް ޝިޕިންކަމަށް ޝާޢިއުކޮށްފައެވެ.
ދުނިޔޭގެ ޝިޕިންގ ދާއިރާގައި ފާހަގަކޮށްލެވޭ އެވަގްރީން ލައިންގެ ޚިދުމަތް ރާއްޖެއަށް ފެށުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ބަނދަރުތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް ގެންގުޅުއްވާ ސިޔާސަތަށް މުހިންމު ކުރިއެރުން ވެގެންދާނެއެވެ.

