ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
މިކަން ހާމަކުރެއްވީ ބީއެމްއެލްގެ ޔޫތު އެންޓްރަޕްރިނިއަރސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ސީއީއޯ، މުހައްމަދު ޝަރީފެވެ.
ޝަރީފު ވިދާޅުވި ގޮތުގައި، ޝަރީފް ވިދާޅުވީ، ސްވައިޕް އުފެދިގެން އައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ވިޝަންކަމަށްވާ ޑިޖިޓަލް އިކޮނޮމީ ފުޅާކޮށް، ކްރިއޭޓިވް އަދި ޑިޖިޓަލް ދާއިރާގައި ޒުވާނުން ބައިވެރިކުރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ.
އެ މަނިކުފާނުގެ ތަސައްވުރަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިޞާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުންކަމަށާއި މި ވިޝަން ހަގީގަތަކަށް ހެދުމުގައި ސްވައިޕް މުހިންމު ދައުރެއް އަދާކޮށްދޭނެކަމަށެވެ. އެގޮތުން މިހާރުވެސް 20،000 އަށްވުރެ ގިނަ ދިވެހިން ސްވައިޕް ބޭނުންކުރަމުންދާކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
ސްވައިޕް މެދުވެރިކޮށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 3,300 އަށްވުރެ ގިނަ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވާއިރު، ބީއެމްއެލްއިން ވަނީ ސްވައިޕް މެދުވެރިކޮށް ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މީގެ ސަބަބުން ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސަރުންނަށް ބޭރު ގައުމުތަކުން ފޮނުވާ ފައިސާ، އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއް ފަދައިން ވަގުތުން ސްވައިޕް ވޮލެޓަށް ލިބިގެންދާނެއެވެ.
ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އީ-ކޭވައިސީ ފުރިހަމަކުރުމަށްފަހު ސްވައިޕްގައި ރަޖިސްޓްރީވެ، ރާއްޖެއަށް ފައިސާ ފޮނުވުމާއި ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ބޭނުންކުރެވޭނެކަމަށެވެ. މީގެ އިތުރުން، ފިޒިކަލް ކާޑެއް ބޭނުންކުރުމަކާ ނުލައި ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އަލިޕޭ، ވީޗެޓް ޕޭ އަދި މާސްޓަރކާޑު،ވީސާ ފަދަ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ނެޓްވޯކްތަކާއެކު މިހާރު ދަނީ މަސައްކަތްކުރެވެމުންދާކަމަށެވެ. މި ޚިދުމަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ލަފާކުރެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ކްލައިންޓުންނާއެކު މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން މިކަން ސިފަކުރެއެވެ.

