2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު، 686.8 މިލިއަން އެމެރިކާ ޑޮލަރާ އެކު ރާއްޖޭގެ ރަސްމީ ރިޒާމް އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 686.8 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިޔަން ޑޮލަރު ނުވަތަ 17.5 އިންސައްތަ ދަށް އަދަދެކެވެ.
ނަމަވެސް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 2026 ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 248.9 މިލިއަން ޑޮލަރު ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު ހުރި 203.0 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް މިއީ މިއަހަރުގެ މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މިއަހަރު މޭ މަހާއި އަޅާ ބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ މާޗް މަހު ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645.0 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރަސްމީ ރިޒާވްގެ ޖުމްލަ އަދަދަށް ބަދަލުތަކެއް އައިސްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

