ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތް ފަސޭހަކަމާއެކު އާންމުންނަށް ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އަތޮޅުތެރެއަށް ޚިދުމަތް ފުޅާކޮށް، “އަގުމަގު” އެޕްލިކޭޝަން ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
ތަކެތީގެ އަގުތައް ފަސޭހައިން އާންމުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުމަށް ލޯންޗްކުރި އެޕްލިކޭޝަން ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ މިއަދުއެވެ.
28 ފެބްރުއަރީ 2025 ގައި ލޯންޗުކުރި “އަގުމަގު” ޕޯޓަލްއިން ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ފެންނަން ހުރިއިރު، މިހާރު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަގުމަގު އެޕް ތަޢާރަފްކުރުމުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެއެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތައް އެއް ތަނަކުން ބަލާލެވޭނެއެވެ. އެގޮތުން ވަކިވަކި ތަކެތި އެކި ފިހާރަތަކުގައި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގުވެސް ފަސޭހައިން އެނގިގެންދާނެއެވެ. މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތައްވެސް މި އެޕުން ބަލާލެވޭނެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ތަނަކަށް ދިއުމުގެ ކުރިން ނުވަތަ ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ބަލާލެވޭނެ ކަމަށާ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުން މި އެޕްލިކޭޝަން މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭނެކަމަށް ވިޔަފާރިއާ އިގްތިސޯދާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
އެޕްލިކޭޝަންގައި ހިމެނޭ އިތުރު ފަސޭހަތަކުގެ ތެރޭގައި، އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓެއް ސޭވްކޮށްފައި ބެހެއްޓުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި ބޭނުން ކޮންމެ ވަގުތަކު އެ ތަކެތީގެ އަދާހަމަ އަގު ބަލާލެވޭނެއެވެ.
މީގެ ސަބަބުން މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި، ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ފަސޭހަކަމާއެކު ހޯދޭނެއެވެ.

