އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފިއެވެ.
އާސަންދައިގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ހޯދޭނެ މަގު ފަހިކުރުމުގެ ގޮތުން އެޅި މި ފިޔަވަޅާއެކު، އާސަންދައިން ވިދާޅުވީ، މި ހުޅުވުނު އައު ކައުންޓަރުތަކާއެކު އަތޮޅުތަކުގެ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެކަމަށެވެ.
އަލަށް ހުޅުވުނު ކައުންޓަރުތަކުން ބޭސްފަރުވާއަށް އެހީއަށް އެދުމާއި، ކުންފުންޏާއި ގުޅުންހުރި އިދާރީ ކަންކަން ރަށުން ބޭރަށް ނުގޮސް ހޯދުމާއި، އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އަލަށް ކައުންޓަރުތައް ހުޅުވި ރަށްތަތަކީ:
– ރ.އުނގޫފާރު
– ބ.އޭދަފުށި
– ޅ.ނައިފަރު
– އދ.މަހިބަދޫ
– ލ.ގަން
– ގދ.ތިނަދޫ
– ޏ.ފުވައްމުލައް
– ދ.ކުޑަހުވަދޫ އެވެ.
މިއާއެކު އާސަންދަ ކައުންޓަރުތަކުގެ ޚިދުމަތް މިހާރު 11 އަތޮޅަކުން ލިބޭނެއެވެ. މީގެކުރިން އާސަންދައިގެ ވިރަ ކައުންޓަރުގެ ޚިދުމަތް ފޯރުކޮށްދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.
އާސަންދައިގެ ޚިދުމަތަށް އެދުމަށް ފަސޭހަ ކުރުމަށް މިހާރު ވަނީ ޚާއްސަ އެޕްލިކޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން "މައި އާސަންދަ ޕޯޓަލް" މެދުވެރިކޮށް އާސަންދައިން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އީފާސް މެދުވެރިކޮށް ބޭސްފަރުވާގެ ގިނަ ޚިދުމަތްތަކަށް މައި އާސަންދަ ޕޯޓަލްގެ ތެރެއިން ލިބޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ. މިޕޯޓަލް މެދުވެރިކޮށް ބަލި މީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ފޯމު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ.

