ޅ. ކުރެންދޫ ބަންދަރުގެ އަޕްގްރޭޑިން މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.
ކުރެންދޫ ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. އެކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރެންދޫ ބަނދަރު އަޕްގްރޭޑިންގައި މިހާރު ކުރިއަށްދަނީ ސައިޓު ސެޓްއަޕް ހެދުމުގެ މަސައްކަތާއި، ޖެޓީގެ ޝަޓަރިންގ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން، 36،363 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 415 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 243 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި، 60 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢަކީ، 53.36 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢަކަށް ވާއިރު، މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ ރަށްތަކަށް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

