ކ. ހުރާގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.
ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަދާހަމައާ އެކު އެ ކުންފުނިން އެކްސްގައި ކުރެއްވވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައް އެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން ތަނބުތަކުގެ ދަގަނޑުތަކުގައި ރިންގު އެޅުވުމުގެ މަސައްކަތް މިހާރު ދަނީ ބާރުދުވެލީގައި ކުރަމުންނެވެ. އަދި މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން ބިންގަނޑު އެއްވަރުކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، މޭސަނަރީ މަސައްކަތުގެ އިތުރުން ޓައިލްސް ޖެހުމާއި އިމާރާތް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނީ އެމްޓީސީސީންނެވެ.
މި މަޝްރޫޢަކީ ޖުމްލަ 27.23 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހުރާގައި ބިނާކުރާ މި އިމާރާތަކީ 15,650 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ތަރައްޤީކުރާ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 7,825 އަކަފޫޓު ހުންނާނެއެވެ. 16 އެނދުގެ ޖާގައާއެކު ތަރައްޤީކުރާ މި މަރުކަޒަކީ އެ ރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

